ނިއުޔޯކްގެ ނުސީދާ މަޝްވަރާގައި އިރާނުގެ ހުށަހެޅުން ޓްރަމްޕް ބަލައެއް ނުގަތް!
ނިއު ޔޯކުގައި މި ހަފުތާގައި ކުރިއަށް ދިޔަ ނުސީދާ މަޝްވަރާތަކުގައި އީރާނުން ހުށަހެޅި ޕްރޮޕޯޒަލް ބަލައިނުގަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ވައިޓް ހައުސް ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އިރާނުގެ ހުށަހެޅުން އެމެރިކާއިން ބޭރުކޮށްލާފައިވާ ކަމަށެވެ.
އެ ހުށަހެޅުން ބޭރުކޮށްލި ނަމަވެސް ސަރަޙައްދީ މެދުވެރިން މެދުވެރިކޮށް ނިއުކްލިއާ މައްސަލަތައް ހިމެނޭ ގޮތަށް ވޮޝިންގްޓަނާއި ތެހެރާނާ ދެމެދު "ޕޮޒިޓިވް އަދި ބިނާކުރުވަނިވި" މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ އޮފިޝަލަކު ބުނެފައިވެ އެވެ.
އދ. ގެ ޢާންމު މަޖިލީހާ ދިމާކޮށް ނިއު ޔޯކުގައި ބޭއްވި މި ބުރުގެ ނުސީދާ ވާހަކަތަކުގައި އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ޅީ ދަރި ޖެރެޑް ކުޝްނާ އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީއާ ބައްދަލުކޮށްފައިވެއެވެ. ދެ ފަރާތުގެ ދެމެދުގައި މެސެޖުތައް ފޯރުކޮށްދިނީ ޤަޠަރުގެ އޮފިޝަލުން ކަމަށް މި މަޝްވަރާތަކާ ބެހޭ ސީދާ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ އެކްސިއޮސް އިން ބުނެފައިވެއެވެ.
ވާހަކަތަކުގެ ތެރޭގައި ޢަރަޤްޗީ ވަނީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއި ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ޝަރުޠުތައް ހުށަހަޅައިފައެވެ. އެ ގޮތުން އެމެރިކާގެ ކަނޑުގެ ފައުޖުގެ ބްލޮކޭޑް އުވައިލުމާއި އީރާނުގެ ތެޔޮ ވިއްކުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމާއި ސަރަޙައްދުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް އެ ކަންކަމުގެ ބަދަލެއްގެ ގޮތުން ހަފުތާއެއްގެ ތެރޭގައި ކަނޑުއޮޅި ހުޅުވައިލައި ނިއުކްލިއާ މަޝްވަރާ ފެށުމަށް ތެހެރާނުން ހުށަހެޅި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނު އަތުގައި ނެތް ކަމަށާއި އެ ކަނޑުއޮޅިއާ ގުޅޭ ޝަރުޠު ކެނޑުމުގެ ޙައްޤެއް ނެތް ކަމަށް އެމެރިކާގެ މަޝްވަރާ ޓީމުން އީރާނު ކައުންޓަޕާޓުންނަށް އަންގާފައިވާ ކަމަށް މަސްދަރަކުން އެކްސިއޮސް އަށް ބުނެފައިވެއެވެ.
ތުރުކީ ޤަޠަރު އަދި ސަރަޙައްދީ އެހެން މެދުވެރިން ވޮޝިންގްޓަނާއި ތެހެރާނާ ދެމެދު ޑިޕްލޮމެޓިކް މަގެއް ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ދެ ފަރާތުގެ ދެމެދުގައި މައިގަނޑު މައްސަލަތަކުގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް އެ ގޮތުގައި ދެމިއޮތެވެ.