ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް އިންޑިއާއަށް ދޭން ރަޝިޔާއިން ތާއީދުކޮށްފި
އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަމުގެ ގޮނޑިއެއް އިންޑިއާއަށް ދިނުމަށް ރަޝިޔާއިން ތާއީދުކުރާ ކަން ހާމަކޮށްފިއެވެ.
އެކަން ހާމަ ކުރީ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލެވްރޯފް އެވެ.
ލެވްރޯފް ބުނީ އޭޝިއާ އެފްރިކާ އަދި ލެޓިން އެމެރިކާގެ ޤައުމުތަކަށް ސަލާމަތީ މަޖިލީހުގައި ތަމްސީލުވެވޭ ފުރުޞަތު ފުޅާ ކުރުމަށް ރަޝިޔާއިން ބާރު އަޅާ ކަމަށެވެ. އެގޮތުން އިންޑިއާއާއި ބްރެޒީލަށް ދާއިމީ ގޮނޑި ދިނުމަށް ތާއީދުކުރާ ކަމަށް ބުނެފައިވެއެވެ.
ހަމައެއާ އެކު ހުޅަނގުގެ ޤައުމުތަކަށް އިތުރު ގޮނޑިތައް ލިބޭ ގޮތަށް މި މަޖިލީސް ބަދަލުކުރުމާ ރަޝިޔާއިން ދެކޮޅު ހަދާ ކަމަށް ވެސް ބުނެފައިވެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ އިޞްލާޙުގައި ހުޅަނގުގެ ޤައުމުތަކަށް އިތުރު ގޮނޑި ދެވިގެން ނުވާނެކަން ފާހަގަކޮށް ޚާއްޞަކޮށް ޖަރުމަނާއި ޖަޕާނަށް އެ ދެ ޤައުމު މިހާރު ދަނީ ހަނގުރާމަވެރި ވިސްނުމާއި ބަދަލުހިފުމުގެ މަގަށް" ކަމަށް ލެވްރޯފް ބުންޏެވެ. ދެކުނުގެ ޤައުމުތަކަށް ވަކީން ޚާއްޞަކޮށް އެފްރިކާ ބައްރަށް މި މަޖިލީހުގައި ބޮޑު ދައުރެއް ލިބެން ޖެހޭ ކަމަށް ވެސް ބުންޏެވެ.
ރަޝިޔާގެ އިތުރުން ދެން ވެސް ބައެއް ޤައުމުތައް ވަނީ އިންޑިއާގެ ކެންޑިޑެސީއަށް ތާއީދުކޮށް ވާހަކަ ދައްކައިފައެވެ. މޮރީޝަސްގެ ޚާރިޖީ ވަޒީރު ދަނަންޖައި ރާމްފުލް ވަނީ ޖީ4 އަދި އެލް69 ގެ ސްޓޭންޑަށް ތާއީދުކޮށް ދުނިޔޭގެ ކަންކަމުގައި އިންޑިއާ އަދާކުރާ ބިނާކުރަނިވި ދައުރާ އެކީ ދާއިމީ ގޮނޑިއެއް ޙައްޤު ކަމަށް ބުނެފައެވެ.
ޕޯޗުގަލްގެ ބޮޑުވަޒީރު ލުއީސް މޮންޓެނީގްރޯ ވެސް އެފްރިކާ ބްރެޒީލް އަދި އިންޑިއާއަށް ދާއިމީ ތަމްސީލުކުރެވޭ މަޖިލީހެއް ބިނާ ކުރުމަށް ގޮވާލާފައިވެއެވެ. މާޝަލް އައިލެންޑްސްގެ ރައީސް ހިލްޑާ ހެއިން ޖީ4 ގެ ހަތަރު ޤައުމަށް ތާއީދުކޮށް ޖަޕާނާއި އެ ބައިވެރީންނަށް ދާއިމީ މެންބަރުކަން ދިނުމަށް ބާރު އަޅާފައިވެއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސެނައޭ ޓަކައިޗީ ވަކި ޖީ4 ކެންޑިޑޭޓެއްގެ ނަން ނުގެނައި ނަމަވެސް ސަލާމަތީ މަޖިލީހު ލަސް ނުކޮށް ބަދަލުކުރުމަށް ގޮވައިލެއްވިއެވެ. "ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މިއަދުގެ ޙަޤީޤަތްތައް ނުފެންނަ ނިޒާމެއް އެ ޙަޤީޤަތްތައް ދައްކައިދޭ ނިޒާމަކަށް ލަސް ނުކޮށް ބަދަލުކުރަން ޖެހޭ" ކަމަށް ޓަކައިޗީ ބުންޏެވެ.
މި ވަގުތު ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް ގޮނޑީގައި ތިބެނީ ޗައިނާ ފްރާންސް ރަޝިޔާ އިނގިރޭސިވިލާތް އަދި އެމެރިކާއެވެ. އެ ފަސް ޤައުމަށް ވީޓޯ ބާރު ލިބިފައި އޮތް އިރު ދެ އަހަރުގެ ދައުރަކަށް 10 ވަގުތީ މެންބަރުން ތިބެއެވެ.
ސަލާމަތީ މަޖިލީހުގެ ބައްޓަމަށް ބަދަލެއް ގެނައުމަށް ޢާންމު މަޖިލީހުގެ ތިންބައިކުޅަ ދެ ބައި ވޯޓާއި އދ. ގެ މެންބަރު ޤައުމުތަކުގެ ތިންބައިކުޅަ ދެ ބައި ރެޓިފައި ކުރުމާއި ދާއިމީ ފަސް މެންބަރުން އެންމެންގެ ރުހުން ބޭނުންވެއެވެ. ބްރިކްސް ޖަމާޢަތުން ވެސް ނިއު ދެއްލީ ޑެކްލެރޭޝަނުގައި ބްރެޒީލާއި އިންޑިއާގެ މި އުންމީދަށް ތާއީދުކޮށް އދ. ގައި ބޮޑު ދައުރެއް އެ ދެ ޤައުމަށް ލިބެން ޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ.