ބްރިޖުން ފުންމާލި ބިދޭސީ މީހާ ހޮސްޕިޓަލުގައި އޮއްވަ ހައްޔަރުކޮށް، މުއްދަތު ޖަހައިފި
ސިނަމާލޭ ބްރިޖުން ފުންމާލި ބިދޭސީ މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވަ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
އިއްޔެރޭ ދަންވަރު 12:44 ހާއިރު ބްރިޖުން މީހަކު ފުންމާލި ކަމުގެ ރިޕޯޓު ކުރީ ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށެވެ. އެ ރިޕޯޓާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ގޮސް އޭނާ ހޯދުމުގެ މަސައްކަތް ކުރި އެވެ.
މޫދަށް ފުންމާލީ 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ސިފައިންގެ ޑައިރުން ބްރިޖު ސަރަހައްދު ހޯދަނިކޮށް އޭނާ ފެނުނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވަ އެވެ. ސިފައިން އޭނާ ސަލާމަތް ކުރުމަށް ފަހު ހަވާލު ކުރީ ފުލުހުންނާއި އެވެ.
އެމީހާއަށް މިހާރު ދަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ނަމަވެސް ފުލުހުން ވަނީ އެމީހާ ހައްޔަރު ކޮށް މުއްދަތު ޖަހައި ދިނުމުގެ އަމުރަކަށް ކޯޓުގައި އެދިފައި އެވެ. ކްރިމިނަލް ކޯޓުން ވަނީ އެމީހާގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައި އެވެ.
އަދި އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން ކޯޓަށް ހާޒިރު ކުރުމަށް އަންގާފައިވެ އެވެ.
އޭނާ ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ ތުހުމަތު ކަމަށެވެ. ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން އޭނާ ބަންދު ކުރުމަށް އަމުރު ކުރީ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައެވެ.
ކޯޓޫ އަމުރުން އެނގޭ ގޮތުގައި އެމީހާ ރާއްޖޭގައި އުޅެނީ ގަވައިދާ ހިލާފަށެވެ.