ޢާންމު މަޖިލީހުގައި ނަތަންޔާހޫގެ ތަޤުރީރާ ދެކޮޅަށް 77 ގައުމަކުން އިހުތިޖާކޮށް ހޯލުން ނުކުމެއްޖެ
އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން 77 ޤައުމެއްގެ ވަފުދުތައް އިޙުތިޖާޖެއްގެ ގޮތުގައި މާލަމުން ނުކުމެއްޖެ އެވެ.
މި މަންޒަރު ސޯޝަލް މީޑިއާގައި ވައިރަލްވެ ގިނަ ބަޔަކު ސިފަކުރީ މިއީ އިސްތިއުމާރީ އިސްރާއީލު ބައިނަލްއަޤުވާމީ ފެންވަރުގައި އެކަހެރިވަމުންދާ ކަމުގެ ހެތްކެއް ކަމަށެވެ. ނަތަންޔާހޫ ވާހަކަ ދައްކަން ފެށިއިރު މާލަމުގައި ތިބީ ނިސްބަތުން ވަރަށް މަދު ބައެކެވެ.
އެ ވަގުތު ބޭރުގައި ތިބި މުޒާހަރާ ބައިވެރީން ޝިޢާރުތައް ގޮވަމުން ދިޔައެވެ. އިސްރާއީލުގެ ރިޕޯޓުތައް ބުނާ ގޮތުން ބައެއް ވަފުދުތައް ތަޤުރީރު ފެށުމުގެ ކުރިން ނުކުތީ ކަމަށް ވާއިރު އަނެއް ބައި ޤައުމުތަކުގެ މަންދޫބުން ފެށުނީއްސުރެ ގޮނޑީގައި ނެތް ކަމަށެވެ.
އިސްރާއީލުގެ މީޑިއާގައި މި ހާދިސާ ފުޅާ ދާއިރާއެއްގައި ރިޕޯޓުކޮށްފައިވެއެވެ. ޗެނަލް 14 އިން ސިފަކުރީ މިއީ "އިސްރާއީލުގެ މޫނުމައްޗަށް ކުޅެއް ޖެހުން" ކަމަށެވެ. ޔެޑީއޮތް އެޙެރޮނޮތް އިން މި ޢަމަލު ސިފަކުރީ "ޑްރެމެޓިކް ޕްރޮޓެސްޓް" ގެ ގޮތުގައެވެ. ހާރެޓްޒް ނޫހުން ބުނީ ނަތަންޔާހޫގެ ތަޤުރީރަކީ ކުރިންވެސް ދެއްކި ވާހަކަތައް ތަކުރާރުކުރި ފޫހި ތަޤުރީރެއް ކަމަށާއި އެ ތަޤުރީރު އަމާޒުކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި އޭނާގެ ކަނާތުފިޔައިގެ ސަޕޯޓަރުންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކަމަށެވެ.
ދަ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވަފުދުތައް ނުކުންނަމުން ދިޔައިރު ނަތަންޔާހޫ ވައުދުވީ ޣައްޒާގައި "އެ ޖޮބް ނިންމާނެ" ކަމަށެވެ. ވޮޝިންޓަން ޕޯސްޓުން މި ހާދިސާ ސިފަކުރީ އިސްރާއީލުގެ ސިޔާސަތުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި އުފެދިފައިވާ "ވަރުގަދަ ރައްދުގެ" ބައެއްގެ ގޮތުގައެވެ. އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ނޫހުން ބުނީ ނަތަންޔާހޫ ވާހަކަ ދެއްކީ ކޮންމެ ގޮތެއް ވިޔަސް ވަކި އެއް ބަޔަކަށް ކަމަށެވެ.
ނަތަންޔާހޫ އދ. ގެ މައި މަރުކަޒުގައި ތަޤުރީރު ކުރި ވަގުތު ނިއު ޔޯކުގެ ޓައިމްސް ސްކެއާ ކައިރީ ވެސް މުޒާހަރާއެއް ހިނގިއެވެ. އެ މުޒާހަރާގައި ބައިވެރީން ގޮވައިލީ ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓައިލުމަށެވެ.
މި ކަންކަން ހިނގީ ޣައްޒާގައި ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ޝަހީދުވަމުންދާ އިސްތިއުމާރީ އިސްރާއީލުގެ ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅެއްގައި ކަމަށް ވާއިރު ޣައްޒާއާއި ފަލަސްޠީނުގެ ބިންތަކާ މެދު އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފާޑުކިޔުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
އދ. ގެ މެމްބަރު ގައުމުގެ ގޮތުގައި 193 ގައުމު ހިމެނެ އެވެ.