ސޯސަންމަގު އެކްސިޑެންޓާ ގުޅިގެން ޒުވާނަކު ހައްޔަރު - ލައިސަންސް ނެތް އެ ޒުވާނާ މި އަހަރު އެކަނިވެސް ހަތަރު ފަހަރު ޖޫރިމަނާކޮށްފައިވޭ! - ބޮޑަށް އަނިޔާވި ދެ މީހުންގެ ހާލަތު ނާޒުކު!
ސޯސަންމަގުގައި މި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ލައިސަންސް ނެތި ބާރު ސްޕީޑުގައި ދުއްވި 21 އަހަރުގެ ޒުވާނަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ ތ. ދިޔަމިގިލީ ހމ. އައްސޭރި މާހު ހަސަން ކިޔާ ޒުވާނެކެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރި ގޮތަކަށް ދުއްވައި އިތުރު ސައިކަލެއްގައި ޖެހި އެކްސިޑެންޓު ހިންގުމުގެ ކުށެވެ. ތަހުގީގީ އޮފިސަރު (އައިއޯ) ފާހަގަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ޖެހުނު ސައިކަލުގައި ތިބި ދެ މީހެއްގެ ސިކުނޑިއަށް ގެއްލުންވެ އެ ދެ މީހުންގެ ހާލަތު ވަރަށް ނާޒުކެވެ.
މާހު ހަސަނަކީ މި އަހަރު އެކަނިވެސް ލައިސަންސް ނެތި ދުއްވައިގެން ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހުއްޓުވައި ޖޫރިމަނާކޮށްފައިވާ މީހެއް ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި ސީސީޓީވީ ފުޓޭޖް ސްނެޕް ޝޮޓް ފޮޓޯ ރިޕޯޓު އަދި ޓްރެފިކް ވައިލޭޝަން ރެކޯޑު ހިމެނެއެވެ. ކޯޓުން ނިންމީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބަލައި 15 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށެވެ. މާހު ހަސަން ވަނީ ވަކީލެއްގެ ފުރުސަތު ބޭނުން ނުވާ ކަމަށް ބުނެ އަދި އެކްސިޑެންޓްގައި އަނިޔާވެސް ލިބުނު ކަމަށްބުނެ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ރިޕޯޓުކޮށްފައިވަނީ އާދީއްތަ ދުވަހުގެރޭ ދަންވަރު 01:12 އެހައިކަންހާއިރުއެވެ. މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވާއިރު އެއީ 21 އަހަރު (މާހު ހަސަން) އަދި 22 އަހަރުގެ ދެ ފިރިހެނުންނާއި 26 އަހަރުގެ އަންހެނެކެވެ. އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު މާހު ހިމެނޭހެން ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 2,100 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.