Advertisement

ޝައިހް ފަރީދުގެ ނަންފުޅުގައި ހުޅުމާލޭގައި މިސްކިތެއް އެޅުމަށް ސޮއިކޮށްފި

21 Sep 2026 | 19:46
-

ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހީމް ފަރީދުގެ ހަނދާން ދެމެހެއްޓުމަށް ހުޅުމާލެ 2 ގައި މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައި ހިދުމަތް ޖަމިއްޔާއާ އެކު މިއަދު ސޮއިކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

Advertisement

ޝައިހް ފަރީދަކީ ދީނީ ދަރުސްތައް ގިނައިން ބާއްވަވައި ރައްޔިތުންގެ ތެރޭގައި ފުޅާ މަގުބޫލުކަމެއް ހޯއްދެވި އިލްމުވެރިއެކެވެ. އެ މަނިކުފާނު އަވަހާރަވީ މިދިޔަ އަހަރުގެ ޖޫން މަހު ބައްދަލުވުމަކަށް މެލޭޝިޔާއަށް ވަޑައިގެންނެވިތަނާ އެ ގައުމުގެ އެއާޕޯޓުގައެވެ. މާތް ﷲ އެ މަނިކުފާނަށް ރަހްމަތް ލައްވާށިއެވެ.

ހިދުމަތް ޖަމިއްޔާއިން ވަނީ ކުރިން ވެސް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި 455 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކޮށްފައެވެ. އެ މިސްކިތަށް 760000ރ. ހަރަދުވާނެ ކަމަށް ލަފާކޮށް ފައިސާ ހޯދުމަށް އިއުލާނުކުރިތާ އެންމެ ދުވަހެއްގެ ތެރޭގައި ބޭނުންވި އަދަދު ހަމަވެފައިވެއެވެ. ދީނީ ހޭލުންތެރިކަން ފެތުރެއްވުމުގައި ފަރީދު އެ ޖަމިއްޔާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

ޝައިހް ފަރީދަކީ ދީނީ ހިދުމަތުގެ އިތުރުން އިސްލާހީ ހަރަކާތުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޮގަސްޓް 12 އަދި 13 ގެ ހަރަކާތާ ގުޅިގެން ބަންދުކުރި ފަރާތްތަކުގެ ތެރޭގައި ވެސް އެ މަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް