ގދ. ތިނަދޫގައި އުފަންވާ ކުދިން ރަޖިސްޓްރީކުރުމުން ފައިސާގެ އިނާޔަތް ދޭން ފަށައިފި
ވިހެއުމުގެ ރޭޓު މަތިކޮށް އާބާދީ އިތުރުކުރުމުގެ ބޭނުމުގައި ގދ. ތިނަދޫގައި އަލަށް ރަޖިސްޓްރީކުރާ ތުއްތު ކުދިންނަށް އެއް ފަހަރު ދޭ މާލީ އެހީއެއް ކަނޑައެޅުމުގެ އުސޫލެއް އެ ސިޓީ ކައުންސިލުން ޢާންމުކޮށްފިއެވެ.
ކައުންސިލުން ޢާންމުކުރި އުސޫލު ބުނާ ގޮތުން މި އެހީ ބެހެނީ ދެ ގިންތިއަކަށެވެ. ފުރަތަމަ ގިންތީގައި ތިނަދޫގެ ރަށްވެހިންނަށް ލިބޭ ކޮންމެ ކުއްޖަކަށް 1500 ރުފިޔާ ދެއެވެ. ދެވަނަ ގިންތީގައި އެހެން ރަށެއްގެ މައިންބަފައިންނަށް ލިބޭ ކުއްޖަކު ތިނަދޫގައި ރަޖިސްޓްރީކޮށްފި ނަމަ 2000 ރުފިޔާ ލިބެއެވެ.
މި އެހީ ލިބެނީ ތިނަދޫގައި އުފަންވެ އެ ސިޓީގައި ރަޖިސްޓްރީކުރާ ކުދިންނާއި އެހެން ތަނެއްގައި އުފަންވި ނަމަވެސް ފުރަތަމަ ރަޖިސްޓްރީ ކުރަނީ ތިނަދޫގައި ކަމުގައި ވާ ނަމައެވެ. ކުއްޖާ ރަޖިސްޓްރީވީ ކަމަށް ބެލެނީ އައިޑީ ކާޑު ހެދުމުންނެވެ. އެހީއަށް ހުށަހެޅުމުގެ މުހުލަތަކީ ރަޖިސްޓްރީވާ ދުވަހުން ފެށިގެން އެއް މަސް ދުވަހެވެ.
އުސޫލުގައިވާ ގޮތުން ކުއްޖާގެ މަންމަ ނުވަތަ ބައްޕައަކީ ތިނަދޫގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާން ޖެހެއެވެ. ނަމަވެސް މައިންބަފައިންނަކީ އެ ސިޓީގެ ބައެއް ކަމުގައި ނުވި ނަމަވެސް ކުއްޖާ ރަޖިސްޓްރީކުރާ ތަނަކީ ތިނަދޫ ކަމުގައި ވެއްޖެ ނަމަ ދެވަނަ ގިންތީގެ ދަށުން އެހީ ލިބެއެވެ.
މުޅި ރާއްޖޭގެ އާބާދީ ނިސްބަތުން ދަށްވަމުން ދިއުމާއި ޒުވާން ޢާއިލާތަކަށް ހިތްވަރު ދިނުމަކީ މި އުސޫލު ތަޢާރަފުކުރި މައިގަނޑު ސަބަބު ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.