Advertisement

މާފުށީގައި ފުލުހުންނަށް ހަމަލާދިން ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

21 Sep 2026 | 17:37
-

ކ. މާފުށީގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި ފުލުހުންނާ ދެކޮޅަށް މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓު 11 ވަނަ ދުވަހުގެ މެންދުރު 13:00 ހާއިރު މަސްތުވާތަކެތީގެ ތުހުމަތުގައި މީހެއް ބަލައިފާސްކުރަމުން ދިޔަ ވަގުތުގައެވެ. ބަލައިފާސްކުރުން ހުއްޓުވައި ފުލުހުންނަށް ހަމަލާ ދެމުން ހިންގި މާރާމާރީގައި ބައިވެރިވި ކަމުގެ ތުހުމަތަށް ހައްޔަރުކުރީ މާފުށްޓަށް ނިސްބަތްވާ ހަ ފިރިހެނެކެވެ.

Advertisement

ހާދިސާ ހިނގި ސީނުން އެ ދުވަހު ހައްޔަރުކުރީ ހެވަން ކ. މާފުށީ މުހައްމަދު ޝާބިން ޝުޖާއު (18 އަހަރު) އެވެ. ޝާބިން ބަންދާ މެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ޝަރުތުތަކާ އެކު ދޫކޮށްލާފައިވެއެވެ. ނަމަވެސް އެ ނިންމުން ފުލުހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.

ދެން ހައްޔަރުކުރީ ކޯޓު އަމުރުގެ ދަށުން ފަސް މީހެކެވެ. އެއީ ސްޓާރލައިން ކ. މާފުށީ އަބްދުﷲ ނިހާދު (30 އަހަރު) އޮގަސްޓު 14 ގައެވެ. ގްރީންޕާކް ކ. މާފުށީ އިބްރާހީމް ސުނީޒް (41 އަހަރު) އޮގަސްޓު 15 ގައެވެ. ވާރޭވިލާ ކ. މާފުށީ އަހްމަދު އަހުނަފް އަސްފާގު (24 އަހަރު) އޮގަސްޓު 19 ގައެވެ. ގްރީންޕާކް ކ. މާފުށީ މުހައްމަދު ޝައިހާން (21 އަހަރު) އޮގަސްޓު 28 ގައެވެ. އަދި ފާއިޒާމަންޒިލް ކ. މާފުށީ ހަސަން ނަބީލު (32 އަހަރު) އޮގަސްޓު 29 ގައެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ހަސަން ނަބީލު ސެޕްޓެމްބަރު 21 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ އިރު އަބްދުﷲ ނިހާދުގެ ބަންދުގެ މުއްދަތު އޮކްޓޫބަރު 4 އާ ހަމައަށް ސުނީޒްގެ ބަންދުގެ މުއްދަތު ސެޕްޓެމްބަރު 23 އާ ހަމައަށް އަހުނަފް އަސްފާގުގެ ބަންދުގެ މުއްދަތު އޮކްޓޫބަރު 11 އާ ހަމައަށް އަދި ޝައިހާންގެ ބަންދުގެ މުއްދަތު ސެޕްޓެމްބަރު 27 އާ ހަމައަށް ދެމިގެންދެއެވެ.

މި ހަ މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ދެން ގޮތެއް ނިންމާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

Advertisement

ކޮމެންޓް