ޔޫއޭއީގެ އީގަލް ހިލްސްއާ ގުޅިގެން ރަސްމާލޭގައި ބިޔަ މަޝްރޫޢެއް ފަށަނީ
ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ މެރީނާއެއް ބިނާކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ އެކު 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.
އަބޫދާބީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރެވެ. ރާއްޖޭގެ ޖީޑީޕީ ގާތްގަނޑަކަށް އަށް ބިލިއަން ޑޮލަރުގައި ހުރި އިރު މި އިންވެސްޓްމަންޓުގެ ޖުމްލަ އަގު އެއަށް ވުރެ ދެ ގުނައަށް ވުރެ ބޮޑެވެ.
ހައުސިން މިނިސްޓްރީ އާއި އީގަލް ހިލްސް ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ޓޫރިޒަމާއި ވޯޓަފްރަންޓް ކޮންސެޕްޓަށް ފަރުމާކޮށްފައިވާ މި މަޝްރޫޢުގެ ތެރެއިން މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއް ޤާއިމުކުރެވޭނެ ކަމަށެވެ. އެއާ އެކު ވިޔަފާރިއާއި ކެއިންބުއިމާއި ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި ދުޅަހެޔޮކަމާ ގުޅޭ ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ދޫކުރާ ބިމާއި އިމާރާތް ވިއްކުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް 99 އަހަރުގެ ލީސްހޯލްޑް އުސޫލުންނެވެ. ވިއްކުމުގެ މުޢާމަލާތެއް ނުވަތަ ވާރުތަވުމެއް ހިނގާ ކޮންމެ ފަހަރަކު ލީސްހޯލްޑް މުއްދަތު އަލުން 99 އަހަރަށް ފެށޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
18 އަށް ވުރެ ގިނަ ޤައުމުގައި އިންވެސްޓްކޮށް 45 ހޮޓެލެއް ހިންގަމުން ގެންދާ އީގަލް ހިލްސްއަކީ ރިއަލް އެސްޓޭޓް ދާއިރާގައި ފާހަގަކޮށްލެވޭ ބައިނަލްއަޤުވާމީ ކުންފުންޏެކެވެ. ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބޮޑެތި މަޝްރޫޢުތައް ހިންގާ އިމާރް ކުންފުނިވެސް މި މަޝްރޫޢުގައި ބައިވެރިވާނެއެވެ.
ރަސްމާލެއިން މިހާރު ހިއްކާފައި އޮތް 500 ހެކްޓަރުގެ ސަރަހައްދުގައި މި މަޝްރޫޢު ކުރިއަށް ގެންދާ އިރު ކުރިން އިޢުލާނުކޮށްފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކަނޑައެޅި ޢަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.