ލަންކާގަ ވާރޭ ވެހޭތޯ ބަލަން މަތިންދާބޯޓުގަ ތިބެގެން ހާމުދުރުން ވައިގެ ތެރެއަށް ފެން ބުރުވައިފި!
ވާރޭ ނުވެހި ގިނަ ދުވަސް ވެގެން ހަނަފަސްކަމުގެ އަސަރުކޮށްފައިވާ ސްރީލަންކާގެ ސަރަޙައްދުތަކުގެ މަތީން އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގައި ބުދިސްޓު ހާމުދުރުން ގޮވައިގެން ދަތުރުކޮށް ބަރަކާތުގެ ފެން ކަމަށް ބުނާ ފެނެއް ބުރުވާފައިވާ ކަމަށް އެ ގައުމުގެ ސިފައިން ބުނެފި އެވެ.
ލަންކާ ވައިގެ އަސްކަރިއްޔާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓާއި ހަވާލާދީ ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހާމުދުރުން ގޮވައިގެން ކުރި އެ ދަތުރުގައި ވާރޭ ވެއްސެވުމަށް އެދި ދުޢާ ކުރި އެވެ. އަސްކަރިއްޔާއިން ބުނީ އެއީ އޯގާތެރިކަމުގެ ރަމްޒީ އަމަލެއް ކަމަށެވެ.
ލަންކާ ސިފައިން ވަނީ އެއާފޯސްގެ މަތިންދާ ބޯޓުގައި ތިން ހާމުދުރުން ފެން ފުޅިތަކާއި ގަނޑުތަކެއް ހިފައިގެން ތިބި ފޮޓޯއެއްވެސް އާންމުކޮށްފައި އެވެ. ބަރަކާތުގެ ފެން ކަމަށް ބުނެ ފަސް ލީޓަރުގެ ޕްލާސްޓިކު ފުޅިއަކުން ފެން ބުރުވި ކަމަށާއި ހަނަފަސްކަމުން ސަލާމަތް ކޮށްދިނުމަށް އެދި ހާމުދުރުން ދުއާކުރި ކަމަށް ބުނެފައިވެ އެވެ.
ދަނޑުވެރިކަމަށް ބޮޑަށް ބަރޯސާވާ 22 މިލިއަން މީހުންގެ އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ބާކީ ދުވަސްތަކުގައި އެލް ނީނިއޯ ގެ "އެންމެ ގޯސް" ދުވަސްވަރެއް ކުރިމަތިވާނެ ކަމަށެވެ. ބައެއް ސަރަޙައްދުތަކަށް ވަރުގަދަ ހަނަފަސްކަން ކުރިމަތިވާއިރު އެހެން ސަރަޙައްދުތަކަށް ބޯ ވާރޭ ވެހޭނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ދީފައިވެއެވެ.
ޤައުމުގެ ދެކުނުއިރުމަތީގައި އޮންނަ އެންމެ ބޮޑު ވައިލްޑްލައިފް ޕާކު ކަމަށްވާ ޔާލާގެ ހަ ބްލޮކުގެ ތެރެއިން ދެ ބްލޮކެއް ހަނަފަސްކަމުގެ ސަބަބުން ފަތުރުވެރިންނަށް ބަންދުކޮށްފައިވެއެވެ. މޫސުމީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ސެޕްޓެމްބަރުގެ ފަހުކޮޅުން ފެށިގެން ޑިސެމްބަރާ ހަމައަށް ބޯ ވާރޭ ވެހުނު ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު ދިގު ހަނަފަސް ދައުރެއް އައުން އެކަށީގެންވެއެވެ.