އެމްޕީއެލް އަށް އޭސީ ގަތުމުގައި ކުރީގެ ސީއީއޯ ޖުނައިދާއި އޭރުގެ ޕްރޮކިއުމެންޓް ހެޑަށް ކޮރަޕްޝަންގެ ތުހުމަތު - އޭސީ ޔުނިޓެއްގެ އަގު 60 ހާހަށް އަރާ!
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 18 އެއާކޮންޑިޝަން ޔުނިޓު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި ގަތް މައްސަލައިގައި އެ ކުންފުނީގެ ކުރީގެ ދެ އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފިއެވެ.
ދައުވާ ކޮށްދިނުމަށް ހުށަހެޅުމަށް ނިންމާފައި ވަނީ އެ ކުންފުނީގެ އޭރުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުރި މުހައްމަދު ޖުނައިދު (މ. ރީފްވިލާ / ކ. މާލެ) އާއި ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ ހެޑެއްގެ ގޮތުގައި އޭރު ހުރި އަބްދުލްވައްހާބު (މ. ހިލްއިންދަގާރޑެން / ކ. މާލެ) ގެ މައްޗަށެވެ. މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ 16 ސެޕްޓެމްބަރު 2026 ގައެވެ.
2016 އަދި 2017 ވަނަ އަހަރު ގަނެފައިވާ އެ 18 އޭސީ ޔުނިޓަށް ޖުމްލަ 1,083,998 ރުފިޔާ ހަރަދުކޮށްފައިވެއެވެ. ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވާއިދު (2011) ގައި ލާޒިމުކުރާ ގޮތަށް އާންމުކޮށް އިއުލާނެއް ނުކޮށް ޑިރެކްޓަރުންގެ ބޯޑުގެ ރުހުމެއް ވެސް ހޯދާފައެއް ނުވެއެވެ. އެ ޔުނިޓުތައް ގަނެފައި ވަނީ އެ މަސައްކަތުގެ ތަޖުރިބާ ނެތް އަދި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް ވިޔަފާރިއަކުންނެވެ.
މި ދެ ފަރާތުގެ މައްޗަށް އުފުލުމަށް ހުށަހެޅި ދައުވާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014/9) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. އޭގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2/2000) ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ވެސް ހިމެނެއެވެ.
މި މައްސަލައިގައި ދެން ގޮތެއް ކަނޑައެޅޭނީ ޕީޖީ އޮފީހުން މައްސަލަ ބެލުމަށް ފަހުގައެވެ.