Advertisement

ހެރީއާ މޭގަންއަށް މީޑިއާ ހެދި ބިރު ބޮޑު، ގުޅެނީ ޑަޔާނާ މަރުގެ ސަބަބާއި: ޔާނާގެ ކޮއްކޮ

20 Sep 2026 | 14:59
ޕްރިންސް ހެރީ އާއި މޭގަން މާކަލް --

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަންހެނުން މެގަން މާކަލް އާމެދު މީޑިއާއިން ގެންގުޅޭ އުސޫލުތައް ޕްރިންސަސް ޑަޔާނާއާ މެދު ކަން ހިނގި ގޮތާ އެއްފެންވަރެއްގައި ހުރި ކަމަށް ޑަޔާނާގެ ކޮއްކޮ އާލް ޗާލްސް ސްޕެންސާ ބުނެފިއެވެ.

ޑަޔާނާ 1997 ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިހުގައި ކާރު އެކްސިޑެންޓެއްގައި ޢުމުރުން 36 އަހަރުގައި މަރުވީ ފޮޓޯގްރާފަރުން ސައިކަލުތަކުގައި ފަހައި ދުއްވަމުންދަނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ޑަޔާނާގެ މަރުގައި މީޑިއާގެ ޒިންމާއެއް އޮތްތޯ ބޮޑު ބަހުސެއް ފެށުނެވެ.

Advertisement

ސްޕެންސާ ބީބީސީއަށް ބުނީ ހެރީ އާއި މެގަން އާ ބެހޭ ގޮތުން ނޫސްތަކާއި ޓީވީތަކުން ދައްކާ ހަބަރުތަކަށް ރަނގަޅަށް ބަލައިފި ނަމަ ފާހަގަ ވާނީ އެއް ކަމެއް ކަމަށާއި އެއީ ކުރީގައި ޑަޔާނާ ދުނިޔޭގައި އޭނާ އާއި ބެހޭގޮތުން ލިޔެފައިވާ ނޭދެވޭ ޒާތުގެ ވާހަކަތައް ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރީ ޑަޔާނާގެ ތަޖުރިބާއިން ފިލާވަޅު ލިބިގަތުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށެވެ.

ސްޕެންސާ ބުނީ އޭނާ ވާހަކަ ދައްކަނީ ހެރީގެ ދިފާއުގައި ނޫން ކަމަށެވެ. އެކަމަކު އެ ޒާތުގެ ހަބަރުތަކުގެ ސަބަބުން ކޮންމެ ދުވަހަކު ހަލާކުކޮށްލެވޭ ކޮންމެ މީހެއްގެ ދިރިއުޅުމުގައި މިއީ ކެންސަރެއް ފަދަ ނުފޫޒެއް ކަމަށް ބުންޏެވެ.

ހެރީ އާއި މެގަން 2020 ވަނަ އަހަރު ޝާހީ ވާޖިބުތައް ދޫކޮށް އެމެރިކާއަށް ބަދަލުވީ މީޑިއާގެ ވިހަ ނުފޫޒުން ދިރިއުޅުމަށް ކުރާ ބޮޑު އަސަރާ ގުޅިގެން ކަމަށް ދެމަފިރިން ބުންޏެވެ. އޭގެ ފަހުން އިނގިރޭސި ނޫސްތަކާ ދެކޮޅަށް ތަފާތު ދައުވާތައް ވެސް ހުށަހެޅިއެވެ. އޭގެ ތެރެއިން ބައެއް ދައުވާތަކުގައި ހެރީއަށް ވަނީ ނާކާމިޔާބުވެ، ބަދަލު ދޭން ޖެހިފައި އެވެ.

އެ ދެމީހުން މިދިޔަ އޮގަސްޓް މަހު އެނބުރި އިނގިރޭސިވިލާތަށް މިހާރު ވަނީ ބަދަލުވެފައިވެއެވެ.

ސްޕެންސާގެ "ސްވޯން ސޮންގް: ޑަޔާނާ މައި ސިސްޓާ" ފޮތް ޑެއިލީ މެއިލް ގައި ސީރީޒެއްގެ ގޮތުގައި ޝާއިޢުކުރެވި އެ ފޮތުގައި ޑަޔާނާގެ ކުރީގެ ފިރިކަލުން ކިންގް ޗާލްސް ޑަޔާނާ މަރުވި ރޭ "ނުހަނު އުފާވެލައްވާފައި" ހުންނެވި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ގަނޑުވަރުން ރައްދުގައި ބުނީ "ގާތް މީހެއް ވަކިވެ ދިއުމުގެ ހިތާމައިގެ ސަބަބުން ވިސްނުމާއި ޙުކުމް ކުރުމާއި ހަނދާނަށް އަސަރުކޮށް ބައެއް ފަހަރު އެކަން އަމިއްލައަށް ނޭނގި ހިނގައިދާ" ކަމަށް ރަސްގެފާނަށް ޤަބޫލުފުޅުކުރެއްވޭ ކަމަށެވެ.

ޑަޔާނާގެ ޢާއިލާއިން ކުރީން ވެސް ތުހުމަތުކޮށްފައިވަނީ ޑަޔާނާ އަވަހާރަވުމުގެ ކުރިން ޝާހީ ޢާއިލާއިން އެކަށީގެންވާ އެހީތެރިކަމާއި އަޅައިލުން ނުދެއްވި ކަމަށެވެ. މި ފޮތް ނެރުމާއި ހެރީ އާއި މެގަން އެނބުރި ވަޑައިގެންނެވުމާ ދިމާވެފައި ވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކިންގް ޗާލްސް އަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

ކޮމެންޓް