Advertisement

ޑރ. މުޙައްމަދު ޢަލީ އަވަހާރަވެއްޖެ

20 Sep 2026 | 19:32
ޑރ. މުހައްމަދު އަލީ

ދައުލަތުގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ އެވެ.

އަވަހާރަވި އިރު ޑރ. މުހައްމަދު އަލީގެ އުމުރުފުޅަކީ 67 އަހަރެވެ. އެމަނިކުފާނު އަވަހާރަވީ ވަރަށް ބޮޑަށް އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައި އެވެ.

Advertisement

ޑރ. މުހައްމަދު އަލީވަނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމާއި ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާ ކުރައްވާފައިވެ އެވެ. އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައި އެވެ.

ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ މުހައްމަދު އަލީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތައް އަދާ ކުރެއްވި އެވެ.

އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތައުޒިޔާ ވިދާޅުވެފައި އެވެ. ރައީސް ވިދާޅުވީ 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ.

މަރްޙޫމް ޑރ މުޙައްމަދު ޢަލީއަކީ އިޖްތިމާޢީ އެކި ކަންކަމުގައި ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއް. އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވައި ރައީސް ޑރ މުއިއްޒު ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ދުއާ ކުރައްވާފައި އެވެ.

Advertisement

ކޮމެންޓް