އަގުބޮޑު ރޯލްސް ރޮއިސް ކާރެއް ދުއްވައިގެން އިންޑިއާގެ ޒުވާން މެންބަރު މައިތިލީ ހޫނުފެނަށް!
އަގުބޮޑު ރޯލްސް ރޮއިސް ކާރެއްގައި އިންޑިއާގެ މުމްބާއީގެ މަޝްހޫރު ލާލްބައުގްޗާ ރާޖާ ޕެންޑަލަށް ވަޑައިގެންނެވުމުން ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވި ބިހާރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މައިތިލީ ތާކޫރު ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
މައިތިލީ ޓާކޫރު ދުއްވާފައި ދިޔައީ ރޯލްސް ރޮއިސް ކަލިނަން މާކާގެ މަޑު ނޫ ކުލައިގެ ކާރެކެވެ. މުމްބާއީގައި އެ ކާރުގެ އަގު 13 ކުރޯޑު ރުޕީސް އަށް ވުރެ ބޮޑެވެ. ސިޔާސީ މައިދާނުގައި ހޭދަވީ އެންމެ އެއް އަހަރު ތެރޭ މިހާ އަގުބޮޑު ވެހިކަލެއް ހޯދީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.
މައިތިލީ އަކީ ވެރިކަން ކުރީ ބީޖޭޕީއަށް ނިސްބަތްވާ މެމްބަރެކެވެ. އޭނާއަށް ކުރާ މި ތުހުމަތުތަކާއި ގުޅޭގޮތުން އަދި އެއްޗެސް ނުބުނެ އެވެ. ނަމަވެސް އޭނާގެ ދިފާއުގައި މިހާރު ބައެއް މީހުން ވަނީ ތެދުވަން ފަށާފައި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ފަރާތަކީ ބީޖޭޕީއަށް ނިސްބަތްވާ މަޖިލީސް މެމްބަރު އަދި ފިލްމީ ތަރި ކަންގަނާ ރަނާވަތެވެ.
ކަންގަނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނީ ސިޔާސީ މީހުން އުފާވެރި، ތަނަވަސް ދިރިއުޅުމެއް އުޅޭތަން ފެނުމުން ބައެއް މީހުންގެ ހަސަދަވެރިކަން އިތުރުވެ، ދިލަ ނަގަން ފަށާ ކަމަށެވެ. ކަންގަނާ ބުނީ މެމްބަރުން އިޖުތިމާއީ ޚިދުމަތަށް ލޯބިކުރި ނަމަވެސް، އަމިއްލަ ކެރިއަރާއި، ދިރިއުޅުމާއި، މަގުބޫލުކަން ވެސް އޮންނާނެ ކަމަށެވެ.
ކަންގަނާ ވަނީ މެމްބަރުންނަށް ރަނގަޅު ދިރިއުޅުމެއް ނޫޅެވެންވީ ކީއްވެތޯ ސުވާލުކޮށްފައި އެވެ. އަދި އެހެން މީހުން އެކަމާ ހިތްހަމަ ނުޖެހެންވީ ކީއްވެތޯވެސް ސުވާލު ކުރި އެވެ. އޭނާ ބުނީ ރައްޔިތުންގެ ފައިސާއަށް އެމީހުންގެ އެދުމެއް ނެތް ކަމަށާއި އެކަމަކު މެމްބަރުންނަކީ ފަގީރު އަދި އެއްވެސް ދިރުމެއް ނެތް ބައެއްގެ ގޮތުގައި ތިބުމަށް އުންމީދު ކުރުމަކީ ހަމަޖެހޭ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މައިތިލީ ޓާކޫރަކީ 2025 ވަނަ އަހަރުގެ ބިހާރު އެސެމްބްލީ އިންތިޚާބުގައި ބީޖޭޕީގެ ޓިކެޓުގައި ވާދަކޮށް އާރުޖޭޑީގެ ތަޖުރިބާކާރު ކެންޑިޑޭޓް ބިނޯދު މިޝްރާ ބޮޑު ތަފާތަކުން ބަލިކޮށް ބިހާރުގެ އެންމެ ޒުވާން އެމްއެލްއޭގެ ޝަރަފު ހޯދި ފަރާތެވެ. އޭނާ މެމްބަރު ކަމަށް ހޮވުނީ ބިހާރުގެ މަދޫބާނީ ޑިސްޓްރިކްޓުގެ ބެނީޕައްޓީންނެވެ.
އޭނާގެ ޢާއިލާ ފަހުން ދިއްލީގެ ދްވާރްކާއަށް ބަދަލުވީ މިއުޒިކް ތަމްރީން ކުރިއެރުވުމަށެވެ. މިއުޒިކް ޓީޗަރެއް ކަމުގައިވާ ބައްޕަ ރަމޭޝް ޓާކޫރާއި ކާފަގެ ކައިރިން ޅަ ދުވަހުގައި މިއުޒިކް ދަސްކުރި މައިތިލީ 2017 ވަނަ އަހަރު ރައިޒިން ސްޓާ އިންޑިއާ ޝޯގައި ބައިވެރިވެ ސަމާލުކަން ހޯދައި ޔޫޓިއުބް މެދުވެރިކޮށް ވަރުގަދަ ސޯޝަލް މީޑިއާ ފޭން ބޭސެއް ބިނާކޮށްފައިވެއެވެ.