މިސް ރެޗެލް ފަލަސްޠީނު ކުޑަކުދިންގެ ފަންޑަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ
ކުޑަކުދިންގެ މަޝްހޫރު ޕާފޯމާ މިސް ރެޗެލް ފަލަސްޠީނު ކުޑަކުދިންގެ ރިލީފް ފަންޑް (ޕީސީއާރުއެފް) އަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރާނެ ކަމަށް ވަޢުދުވެއްޖެއެވެ.
ރެޗެލްއަކީ ޔޫޓިއުބްގެ އެންމެ މަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ ފޮލޯވަރުންގެ އަދަދު 21 މިލިއަނަށް އަރާއިރު އޭނާ ޔޫޓިއުބް ޗެނަލް ހަދައިގެން ކުޑަކުދިންނާއި ގުޅޭ ކޮންޓެންޓު ގެނެސްދޭން ފެށިތާ އަދިވީ ހަތް އަހަރެވެ.
ނެޓްފިލިކްސް އާއި މިސް ރެޗެލް ގުޅިފައިވަނީ 2025 ވަނަ އަހަރު އެވެ. ރިޕޯޓުތައް ބުނާގޮތުގައި ނެޓްފްލިކްސްއިންވެސް މިސް ރެޗެލް 29 މިލިއަން މީހުން ބަލާފައިވެ އެވެ. މީގެ އިތުރުން ޓިކްޓޮކާއި އިންސްޓަގްރާމްގައިވެސް މިސް ރެޗެލްއަކީ ވަރަށް މަގުބޫލު މީހެކެވެ.
ރެޗެލް އެކިއުސޯގެ ނަމުގައި މަޝްހޫރުވެފައިވާ މި ޕާފޯމާ ހަދިޔާކުރާ ޢަދަދަކީ ރެޕާ މެކެލްމޯ ހަމަ އެ ފަންޑަށް ދިން އެއް މިލިއަން ޑޮލަރާ އެއްވަރުގެ ޢަދަދެކެވެ. މެކެލްމޯ ހަދިޔާކުރީ އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ލޫޕް ޓުއާއިން އޭނާއަށް ލިބުނު ހުރިހާ ފައިސާއެކެވެ.
އެ ފައިސާ ބެހީ ޕީސީއާރުއެފް ހީލް ފަލަސްޠީން ޣައްޒާ ސޫޕް ކިޗެން މެޑިކަލް އެއިޑް ފޮ ފަލަސްޠީނިއަންސް އދ. ގެ ފަލަސްޠީނު ރެފިއުޖީންނާ ބެހޭ އެޖެންސީ (އަންރާ) އަދި އެނެރާ ހިމެނޭ ގޮތަށް ގިނަ ޖަމާޢަތްތަކަކަށެވެ.
މީގެ އިތުރުން އެކިއުސޯ ވަނީ ފައިސާވެރި ހުދު ނަސްލުގެ މަޝްހޫރު ފަރާތްތަކަށް މިފަދަ ހެޔޮ ޢަމަލުތައް ކުރުމަށް ގޮވައިލައިފައެވެ. އިސްތިއުމާރީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނީއްސުރެ އޭނާ ދަނީ ޣައްޒާގެ ކުޑަކުދިންނަށް އެހީތެރިވެ ޣައްޒާގެ ރައްޔިތުންނަށް ފައިސާ ހޯދުމުގެ ހަރަކާތްތައް ހިންގަމުންނެވެ.
2024 ވަނަ އަހަރުގެ މެއި މަހު އެކިއުސޯ ވަނީ ހަނގުރާމައިގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ފައިސާ ހޯދުމުގެ ހަރަކާތެއް އިޢުލާނުކޮށްފައެވެ. ކުޑަކުދިންނަށް ހެދި ވީޑިއޯތަކުން ލިބޭ ފައިސާ ސޭވް ދަ ޗިލްޑްރެންގެ ކުއްލި ހާލަތުގެ ފަންޑަށް ހަދިޔާކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އެ އެހީ ޚާއްޞަކުރީ ޣައްޒާ ސޫދާން ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކް އަދި ޔޫކްރެއިނުގެ ކުޑަކުދިންނަށެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި މެކެލްމޯ ދިގު މާޒީއެއް އޮންނައިރު ޝީރަންގެ ޓުއާގެ ސްޓޭޖުން ޣައްޒާގެ ޢަސްކަރީ އޮޕަރޭޝަނަށް ފާޑުކީ މައްސަލައިގައި އެ ޓުއާގެ މިއުޒިކް ޕްރޮގްރާމުން އޭނާ ވަކިކޮށްފައިވެއެވެ.