Advertisement

ރިބާ ހިމެނޭ ދަރަނީގެ މުޢާމަލާތްތަކާ ދުރުހެލިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

18 Sep 2026 | 13:40
އިސްލާމީ މަރުކަޒު --

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލަތެއްގައި ވެސް ރިބާ އެކުލެވޭ މުޢާމަލާތްތަކާ ދުރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ މާލީ މުޢާމަލާތްތަކުގައި ތެދުވެރިވުމެވެ.

Advertisement

ޚުތުބާގައި އިންސާނާއާ ހަވާލުކުރައްވާފައިވާ މުދަލަކީ ﷲ ތަޢާލާގެ އަމާނާތެއް ކަން ހަނދާންކޮށްދީ ޤިޔާމަތް ދުވަހު އެ މުދާ ހޯދި ގޮތާއި ޚަރަދުކުރި ގޮތާ މެދު ސުވާލު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އިސްރާފު ކުރުމާއި ދަހިވެތިވުމުން ދުރުހެލިވެ މެދުމިންވެގެން ހޭދަކުރުމަކީ މުދަލުގައި ބަރަކާތް ލެއްވޭނެ ސަބަބެއް ކަމަށާއި ކުރިއަށް ދިމާވެދާނެ ކުއްލި ހާލަތްތަކަށް ވިސްނައި ފަހަށް ރައްކާކުރުމުން ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިވެވޭނެ ކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ދަރަނި ނެގުމުގައި ހައްދު ފަހަނައަޅައި ދިއުމުގެ ނުރައްކާތެރިކަމާ ގުޅޭ ގޮތުން ޚުތުބާގައި ބުނެފައިވަނީ ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެއް ކަމަށެވެ. ދަރަންޏެއް ނެގުން ހުއްދަވަނީ ކޮންމެހެން ބޭނުންވެ އެ އަދާކުރެވޭނެ މަގު ހުރެގެން ކަމަށާއި ރިބާ ކާ މީހާއާއި އެކަމުގައި ހެކިވެރިވާ މީހުންނަށް ރަސޫލާ ﷺ ލަޢުނަތް ލައްވާފައިވާ ކަމަށް ވެސް ޚުތުބާގައި ވެއެވެ.

ރިބާގެ މުޢާމަލާތްތަކުން ދުރުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަމަށް ބަޔާންކުރައްވައި ޖާބިރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ހަދީސެއް ހިމަނައި ހުތުބާގައި ބުނެފައިވަނީ ރިބާ ކާ މީހާއަށާއި ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއަށާއި އެ މުޢާމަލާތުގައި ހެކިވެރިވާ މީހާއަށާއި އެ މުޢާމަލާތްތައް ލިޔާ މީހާއަށް ރަސޫލާ ލަޢުނަތްލައްވާނެކަން ރިވާ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ވިޔަފާރީގެ އެއްބަސްވުންތަކާއި ކުއްޔާ ގުޅޭ ޢަޤުދުތަކަށް ވަފާތެރިވުމަށާއި އަނބިދަރީންނަށް ޚަރަދުކުރުމީ މަތިވެރި އަޅުކަމެއް ކަމަށް ޚުތުބާގައި ހަނދާންކޮށްދީ ތެދުވެރި ވިޔަފާރިވެރީން ޤިޔާމަތް ދުވަހު ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންގެ ޖަމާޢަތުގައި ވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ޚުތުބާ ނިންމާލީ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި ޙޫޘީން ދެމުންދާ ލާއިންސާނީ ހަމަލާތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށެވެ.

Advertisement

ކޮމެންޓް