އިންޑިއާގައި ރޭޕްކޮށް މަރާލި ކުއްޖެއްގެ ހަށިގަނޑު ކުއްތާ ކައިފަ ވަނިކޮށް ފެނިއްޖެ!
އިންޑިއާގެ ވެރިރަށް ދިއްލީގެ ހުޅަނގު އުތުރު ސަރަޙައްދުގައި 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ވަޅިން ޙަމަލާދީ މެރުމަށް ފަހު ހަށިގަނޑު އެއްލައިލި މައްސަލައެއްގައި ތިން ކުޑަކުދިން ހިމެނޭ ގޮތަށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ދިއްލީ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ސެޕްޓެމްބަރު 13 ވަނަ ދުވަހު ސްވަރޫޕް ނަގަރު، ރާނާގެ ދަނޑު ކައިރިން ފެނުނީ ކުނިވެފައި އޮތް ހަށިގަނޑެކެވެ.
ހަށިގަނޑު ކުނިވެފައި އޮތް މިންވަރުން ފެނުނު ވަގުތު އެއީ ފިރިހެނެއް ކަމެއް ނުވަތަ އަންހެނެއް ކަމެއް ވެސް ކަނޑައެޅެން ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެއެވެ. މަގުމަތީ ކުއްތާތައް ހަށިގަނޑުގެ ބައެއް ބައިތައް ކައިފައިވާ އިރު އެއް އަތް ހަށިގަނޑާ ވަކިވެފައި އޮތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މީޑިއާގައި ބުނީ އެ އަންހެން ކުއްޖާ އާއި އޭނާ ރޭޕް ކުރި ހަތަރު މީހުންނަކީ ކުރިންސުރެ ދަންނަ ބައެކެވެ. އެ ކުއްޖާ ރޭޕް ކުރީ އެއް ވެހިކަލެއްގައި ދަތުރު ކުރަމުން ދަނިކޮށްކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އަދި އެ ވެހިކަލް ތެރޭގައި އެންމެން ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ.
އެކުއްޖާ މަރާލި ކަމާއި އެއްލާލިތަން ފެނުނު އެއްވެސް ހެކިވެރިއެއް ނެތުމުން ފުލުހުން ސީސީޓީވީ ފުޓޭޖުތައް ބަލައިގެން އެއްކުރި މައުލޫމާތާއި ހަވާލާދީ ބުނެފައިވަނީ ކުއްޖާ މަރާލީ ވެހިކަލް ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ. ފުލުހުން ބުނީ 50 ސީސީޓީވީ ފުޓޭޖުގެ މައުލޫމާތު އެއްކޮށްގެން އެ ވެހިކަލް ދަތުރު ކުރި މިސްރާބު ބަލައި ޑްރައިވަރު ހޯދައި އެ އަމަލު ހިންގި މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރޭޕްގެ ޝިކާރައަށްވި އަންހެން ކުއްޖާ ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައެއް ނެތެވެ. ފަހުން ފުލުހުން އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އާއިލާއިން ވަނީ އެ ކުއްޖާ އާންމުކޮށް ގެއިން ބޭރުގައި ދެތިން ދުވަސް އުޅޭ ކަމަށާއި އޭގެ ފަހުން އެނބުރި ދާތީ ގެއްލިގެން ރިޕޯޓު ކުރަން ޖެހޭ ވަރުގެ ކަމެއް ނުހިނގާ ކަމަށް ބެލީ ކަމަށެވެ.