Advertisement

އެމެރިކާގެ ކޮންގްރެސް މެންބަރު އިލްހާނަށް ހަމަލާ ދިން މީހާ ޖަލަށްލާން ހުކުމް ކޮށްފި

18 Sep 2026 | 11:03
އިލްހާން އޮމަރް --

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރު އިލްހާން އޮމަރަށް ޓައުން ހޯލް ބައްދަލުވުމެއްގެ ތެރެއިން ސީދާ ހަމަލާ ދިން މީހާ ކުށަށް އިޢުތިރާފުވުމުން 14 މަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

އިލްހާނަށް ހަމަލާދިނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އޭމީހާ ވަނީ އެކަން ކުރީ ސިޔާސީ ހިޔާލުތަފާތުވުން ހުރެގެން، ރާވައިގެން ކަމަށް ކޯޓުގައި އެއްބަސްވެފައި އެވެ.

Advertisement

އޭނާގެ މައްޗަށް އުފުލާފައި އޮތީ އެމެރިކާގެ އޮފިސަރަކަށް ހަމަލާދިނުމުގެ ދައުވާ އެވެ.

މި ހާދިސާ ހިނގި ދުވަހު އެ ހަފްލާގެ ކުރީ ސަފުގައި އިން ކެޒްމިއާޗެކް ކުއްލިއަކަށް ތެދުވެ ސިރިންޖަކުން އެޕަލް ސައިޑާ ވިނެގާ އާއި ފެން އެއްކޮށްފައިވާ ކަޅު ދިޔައެއް އިލްހާންގެ ގަޔަށް ބުރުވާލި އެވެ. އެ ފެން އެތި ބުރުވާލުމަށް ފަހު އިލްހާނަކީ އިސްތިއުފާ ދޭން ޖެހޭ މީހެއް ކަމަށާއި އިލްހާން އެ ސަރަހައްދު ބައިބައި ކުރާކަމަށް ބުނެ ހަޅޭއް ލެވި އެވެ.

ފެން އެތި ޖެހުމުންވެސް އެއްވެސް އަނިޔާއެއް ލިބިފައި ނުވާތީ އެ ދުދުވަހު އިލްހާން ދައްކަމުން ދިޔަ ވާހަކައިގެން ކުރިޔަށް ގޮސް ނިންމާލި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕްރޮސެކިއުޓަރުން ކޯޓަށް ހުށަހެޅި ޙުކުމާ ގުޅޭ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ހަމަލާގެ ކުރިން ކެޒްމިއާޗެކް ތިން މީހަކަށް ކޮށްފައިވާ މެސެޖުތަކުން އެއީ ރާވައިގެން ކުރި ކަމެއް ކަން ދޭހަވާކަމަށް ބުނެފައިވެ އެވެ. ނަމަވެސް ސީދާ ނިޔަތާ ބެހޭ ސުވާލުތަކަށް ޖަވާބު ދޭން އޭނާ ދެކޮޅު ހެދިއެވެ.

ހަމައެހެންމެ ކުއްތާ ބެލެހެއްޓުމާއި ކަފާލާތުގެ ކަންކަން ހަމަޖެއްސުމަށް އަވައްޓެރިއަކަށް ވެސް މެސެޖު ކޮށްފައި އޮތެވެ. ޙުކުމާ ގުޅޭ ލިޔެކިޔުންތަކުން އިތުރަށް ހާމަވި ގޮތުގައި ކެޒްމިއާޗެކް ދިގު މުއްދަތަކަށް ރާބޮއި ނަފްސާނީ ބައްޔާއި 2022 ވަނަ އަހަރު ޕާކިންސަންސް ޑިޒީޒް ޖެހިގެން ފަރުވާ ހޯދަމުން ދިޔައެވެ. އޭނާގެ ވަކީލު ޖޯން ފޮސަމް ބުނީ ހަމަލާ ދިން އިރު ނަފްސާނީ ބައްޔަށް ކާ ބޭސް ނުކައި ހުރުމުގެ ސަބަބުން ދަށް ކޮންޓްރޯލާ އެކު މިކަން ހިނގީ ކަމަށެވެ.

ކެޒްމިއާޗެކް ކުށަށް އިޢުތިރާފުވި ދުވަހު އެމެރިކާގެ އެޓާނީ ޑެނިއެލް އެން ރޯޒެން ބުނީ "މި ހަމަލާ އަކީ ނުރައްކާތެރި ޤައުމީ ޓްރެންޑެއްގެ އިތުރު ހެއްކެއް ކަމަށާއި ސިޔާސީ ނަފްރަތު ކުށުގެ ޢަމަލުތަކަށް ބަދަލުކުރާ" ކަމުގެ ހެއްކެއް ކަމަށެވެ.

ސޯމާލިއާ ދަރިކޮޅުގެ ރެފިއުޖީއެއްގެ ގޮތުގައި އެމެރިކާގެ ރައްޔިތުކަން ހޯދައިގެން ހުރި އިލްހާނަށް ކޮންގްރެސް މެންބަރުކަމުގައި ހޭދަކުރި މުއްދަތުގައި ޓްރަމްޕްގެ ފަރާތުން ތަކުރާރުކޮށް ފުރައްސާރައާއި ހިޖުރަވެރިންނާ ދެކޮޅު ބަސްތައް ކުރިމަތިވެފައިވެއެވެ.

Advertisement

ކޮމެންޓް