Advertisement

ސީރިއާގައި އަސަދުގެ ވެރިކަމުގައި ޤައިދީންނަށް އަނިޔާކުރި އޮފިސަރަކަށް އެމެރިކާއިން ޖަލު ހުކުމެއް އިއްވައިފި

18 Sep 2026 | 13:03
-

ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގައި ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީންނަށް އަނިޔާކުރި ކަމުގެ ކުށް ސާބިތުވި ސޫރިޔާގެ ކުރީގެ އަސްކަރީ އޮފިޝަލެއް ކަމަށްވާ ސަމީރު އުޘްމާން އައްޝައިޚްއަށް އެމެރިކާގެ ފެޑެރަލް ކޯޓަކުން 60 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.

ލޮސް އެންޖެލީސްގެ ފެޑެރަލް ފަނޑިޔާރު ހާނެން ޑީ ވެރާ މި ޙުކުމް އިއްވީ ބުރާސްފަތި ދުވަހުއެވެ. މީގެ ކުރިން މާރިޗު މަހު ޖޫރީން ވަނީ ސަމީރު 2005 ވަނަ އަހަރުން 2008 ވަނަ އަހަރާ ދެމެދު ސޫރިޔާގެ ބަދުނާމު ޢަދުރާ ޖަލު ހިންގިއިރު އަނިޔާކުރުމުގެ ރޭވުމެއް ހިންގުމާއި ތިން ފަހަރެއްގެ މަތިން ޤައިދީންނަށް އަނިޔާކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް ނިންމައިފައެވެ.

Advertisement

ސަމީރު ސިޔާސީ މީހުން ހިމޭންކުރުމަށް ވަކި ޤައިދީން ކުދި ގޮޅިތަކަށް ލައި އެ މީހުންނަށް އެކި ބާވަތުގެ އަނިޔާ ދީފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެއެވެ.

އެމެރިކާގެ ޑިޕާޓުމެންޓް އޮފް ޖަސްޓިސްގެ ބަޔާނުގައިވާ ގޮތުން ޤައިދީން ފާރާ ގުޅާފައި ހުރި ހޮޅިތަކުން ގަޑިއިރުތަކެއް ނުވަތަ ދުވަސްތަކެއް ވަންދެން އެލުވައި ތެޅި ވާހަކައާއި ހަށިގަނޑު އުނަގަނޑުން ދެފަޅި ފައްޖެހޭ ގޮތަށް ހެދިފައިވާ އާލާތެއް ބޭނުންކޮށް އަނިޔާ ދިން ވާހަކަ ހެކިބަސް ދިން ފަރާތްތަކުން ކިޔައިދީފައިވެއެވެ. ސަމީރު އޭނާގެ ފައިން އެ އާލާތް މައްޗަށް އެރި ކަމަށް އެކެއް ހެކިބަސް ދީފައިވެއެވެ.

މި މައްސަލައިގަ އެމެރިކާގެ ޕްރޮސެކިއުޓަރުން މަދުވެގެން 80 އަހަރުގެ ޙުކުމެއް އޭނާއަށް އިއްވައިދޭން އެދުނެވެ. ނަމަވެސް ސަމީރުގެ ޤާނޫނީ ވަކީލުން ނީނާ މާރީނޯ އާއި ކޮލިން ކެއިޓް ފާހަގަކޮށްފައިވަނީ އޭނާގެ ޢުމުރުން 74 އަހަރު ވެފައިވާ ކަމާއި "ސީރިއަސް ޞިއްޙީ އަދި ވިސްނުމުގެ ދަތިތައް" ހުންނަ ކަމެވެ. ފަސް އަހަރުގެ ޙުކުމެއް އެ ފަރާތުން އެދުނީ ސޫރިޔާއަށް ފޮނުވައިލުމަށް ސަމީރު ރުހޭ ކަމަށް ބުނެފައެވެ.

ސަމީރު 2020 ވަނަ އަހަރު އެމެރިކާއަށް އައިސް ރައްޔިތުކަމަށް ހުށައެޅި ނަމަވެސް ޖަސްޓިސް ޑިޕާޓުމެންޓުން ބުނާ ގޮތުގައި އޭނާ ވަނީ އޭނާގެ މާޒީއާ ބެހޭ ގޮތުން ދޮގު މަޢުލޫމާތު ދީފައެވެ. ފެޑެރަލް އިދާރާތަކުން ސަމީރު ހައްޔަރުކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހު ލޮސް އެންޖެލީސް ބައިނަލްއަޤުވާމީ ވައިގެ ބަނދަރުންނެވެ. އެމެރިކާގެ އިމިގްރޭޝަން އިދާރާތަކަށް ދޮގު ހެދުމާއި މަކަރުން ގްރީން ކާޑެއް ހޯދައި ރައްޔިތުކަން ހޯދަން މަސައްކަތް ކުރުމުގެ ކުށްވެސް ޖޫރީން ވަނީ ސާބިތުކޮށްފައެވެ.

Advertisement

ކޮމެންޓް