Advertisement

ދިފާޢީ އެއްބާރުލުމާއި ކަނޑުމަތީގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް އިނގިރޭސިވިލާތާއި ގުޅިގެން މަސައްކަތް ކުރަނީ

18 Sep 2026 | 12:52
އިނގިރޭސިވިލާތާއި އެކު މަޝްވަރާގައި ބައިވެރިވި ރާއްޖޭގެ ވަފުދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ބޭއްވި ސްޓްރެޓީޖިކް ޑައިލޮގްގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޝަރާކަތު އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން އެއްބަސްވެއްޖެއެވެ.

2023 ވަނަ އަހަރާއި 2025 ވަނަ އަހަރު ކާމިޔާބުކަމާ އެކު ބޭއްވި ޑައިލޮގްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މި މަޝްވަރާތަކުގައި ދެ ފަރާތުގެ ގުޅުމާ ބެހޭ ފުޅާ ދާއިރާއެއްގެ މައުޟޫޢުތަކަށް ބަހުސްކޮށްފައިވެއެވެ. އެ ގޮތުން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސަލާމަތީ ގޮތުންނާއި ހަމަޖެހުމާއި ތަރައްޤީގެ ރޮނގުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ވައުދު އާކޮށްފައިވެއެވެ. ދިފާޢީ އެއްބާރުލުމާއި ކަނޑުމަތީގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ފުލުހުންނާއި ސިފައިންނާއި ކަނޑުމަތީ ސަލާމަތީ ދާއިރާއިން ރާއްޖެއަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން ތައްޔާރަށް ތިބި ކަން ހާމަކޮށްފައިވެއެވެ.

Advertisement

ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތަކުގައި 2026 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 2028 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ރާއްޖެއިން ކަނޑުމަސް އެތެރެކުރުމުގެ ޓެރިފް އިނގިރޭސިވިލާތުން ސަސްޕެންޑް ކުރުމާ މެދު ރާއްޖެއިން މަރުޙަބާ ކިޔާފައިވެއެވެ. މީގެ އިތުރުން މަސްވެރިކަމާއި ފަތުރުވެރިކަމާއި އިޢާދަކުރެވޭ ހަކަތައާއި މާލީ ޚިދުމަތުގެ ދާއިރާއިން ގުޅުން ފުޅާކުރުމާ ބެހޭ ގޮތުންވެސް ވާހަކަ ދެކެވުނެވެ. 2025 ވަނަ އަހަރު 200000 އަށް ވުރެ ގިނަ އިނގިރޭސި ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިކަން ފާހަގަކޮށް ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ދައުރު ދެ ފަރާތުން ބަލައިގެންފައިވެއެވެ.

މޫސުމީ ބަދަލާއި ތިމާވެށި ހިމާޔަތްކުރުމާއި ކަނޑު ރައްކާތެރިކުރުމާ ބެހޭ ގޮތުންވެސް ދެ ޤައުމުން މަޝްވަރާކޮށް އޯޝަން ކަންޓްރީ ޕާޓްނަޝިޕް ޕްރޮގްރާމުގެ ތެރެއިން ފެށިފައިވާ ގުޅުން އިތުރަށް ފުޅާކުރުމަށް އެއްބަސްވެފައިވެއެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) މެދުގައާއި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގައި ރާއްޖެ އަދާކުރާ ލީޑަރޝިޕް ދައުރު ފާހަގަކޮށް ކޮޕް 31 ގެ ކުރިން ގުޅިގެން މަސައްކަތްކުރެވިދާނެ ފުރުޞަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ. ހަމައެއާ އެކު ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމާއި އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އިނގިރޭސިވިލާތުން ތާއީދުކުރާ ކަން ހާމަކޮށްފައިވެއެވެ. ޗެވެނިން އާއި ކޮމަންވެލްތު ސްކޮލަޝިޕްތަކުގެ ދައުރު ފާހަގަކޮށް ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.

މި ޑައިލޮގް ކޯޗެއާ ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ފޮރިން ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އޮފީހުގެ ސައުތު އޭޝިއާ އެންޑް އަފްޣާނިސްތާން ޑައިރެކްޓަރ ލޯރް ބޫފިލް އާއި ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ ސެކްރެޓެރީ ޑރ. ޙަލާ ޙަމީދެވެ. ދެ ސަރުކާރުގެ ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ޑައިލޮގް ނިންމައިލީ ކޮންމެ އަހަރަކު ސްޓްރެޓީޖިކް ޑައިލޮގް ކުރިއަށް ގެންދިޔުމަށާއި ދެ ޤައުމުގެ ދެމެދުގައި ޒަމާންވީ ގުޅުން ބަދަހިކުރުމަށް ވައުދުވަމުންނެވެ.

Advertisement

ކޮމެންޓް