Advertisement

ބަންގްލަދޭޝް މަސައްކަތްތެރިންނަށް ފައިސާ ފޮނުވެވޭނެ ލުއި ގޮތްތަކެއް ހޯދަން މަޝްވަރާ ކޮށްފި

18 Sep 2026 | 11:22
އެސްބީއައި އާއި ބަންގްލަދޭޝް ހައިކޮމިޝަނުން ބޭއްވި ބައްދަލުވުން --

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ރަސްމީ ނިޒާމުގެ ތެރެއިން ފައިސާ ފޮނުވެވޭނެ މަގުތައް ތަނަވަސްކުރުމާ ގުޅޭ ގޮތުން ބަންގްލަދޭޝް ހައިކޮމިޝަނަރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް ރާއްޖޭގައި ހިންގާ ބޭރުގެ ތިން ބޭންކެއްގެ އިސް ވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ހައިކޮމިޝަނަރު ބައްދަލުވުންތައް ބާއްވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ސްރީލަންކާގެ ބޭންކް އޮފް ސިލޯނާއި ޕާކިސްތާނުގެ ހަބީބް ބޭންކުގެ އިސްވެރިންނާ އެކުގައެވެ.

Advertisement

ބަންގްލަދޭޝް ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ރާއްޖޭގައި ބޭރު ފައިސާ ލިބުމުގައި ހުރި ތާށިކަމާއި ފައިސާ ފޮނުވުމުގެ ނިޒާމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބޭންކިން ޗެނަލްތައް މެދުވެރިކޮށް ހައްލު ހޯދޭނެ ގޮތްތަކާ މެދުގައެވެ.

ބަންގްލަދޭޝް ހައި ކޮމިޝަނުން ބުނީ ޑޮލަރުގެ ދަތިކަމާ ހެދި ބޭންކުތަކުން ފައިސާ ފޮނުވެވޭ މިންވަރު ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށެވެ. އެސްބީއައި މެދުވެރިކޮށް އިންޑިއާ ރައްޔިތުންނަށް ކުރިން 700 ޑޮލަރާ ހަމައަށް ފޮނުވުނު ނަމަވެސް މިހާރު އެ ޢަދަދު ގާތްގަނޑަކަށް 150 ޑޮލަރަށް ވެއްޓިފައިވާ ކަމަށް އެ ބޭންކުގެ މެނޭޖްމަންޓާ ހަވާލާދީ ހައިކޮމިޝަނުން ބުނެފައިވެއެވެ. ހަ

މައެފަދައިން ހަބީބް ބޭންކު މެދުވެރިކޮށް ޕާކިސްތާނު ރައްޔިތުންނަށް ކުރިން 1000 ޑޮލަރު ފޮނުވެވުނު ނަމަވެސް މިހާރު އެ ޢަދަދު 300 ޑޮލަރަށް ތިރިކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެއަށް ވުރެ ވެސް ދަށަށް ދިއުން އެކަށީގެންވާ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. ބޭންކް އޮފް ސިލޯނާ ހަވާލާދީ ހައިކޮމިޝަނުން ބުނި ގޮތުގައި ދިވެހި ރުފިޔާއިން ލަންކާ ރުޕީސްއަށް ފައިސާ ފޮނުވުމަށް އާ އެކައުންޓު ހުޅުވުމުގައި ވެސް ހުރަސްތަކާ ކުރިމަތިވެފައިވެއެވެ.

ބަންގްލަދޭޝް މީހުންގެ ހާލަތު އެހެން ޤައުމުތަކުގެ މީހުންނާ ތަފާތުވާ ސަބަބެއް ކަމުގައި ހައިކޮމިޝަނުން ފާހަގަކުރީ ވަޒީފާގެ ބާވަތެވެ. އިންޑިއާ ލަންކާ އަދި ޕާކިސްތާނުގެ ގިނަ ރައްޔިތުންނަކީ ޕްރޮފެޝަނަލް ދާއިރާތަކުގައި ޑޮލަރުން މުސާރަ ލިބޭ ބައެއް ކަމަށް ވީ ނަމަވެސް ރާއްޖޭގައި ތިބި ގާތްގަނޑަކަށް ލައްކައެއްހާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކީ ދިވެހި ރުފިޔާއިން އާމްދަނީ ލިބޭ އާދައިގެ މަސައްކަތްތެރިންނެވެ. އެހެންކަމުން ރުފިޔާ ޑޮލަރަށް ބަދަލުކޮށްގެން ޤައުމަށް ފައިސާ ފޮނުވުމުގެ ޑިމާންޑް އެ މީހުންގެ މެދުގައި ބޮޑު ކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ.

މި ހާލަތަށް ބައްލަވައި ހައިކޮމިޝަނަރު ޑރ. ނަޒްމުލް އިސްލާމް ވަނީ ޚާއްޞަ އިމްތިޔާޒުތައް ނޫން ނަމަވެސް މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން 50 ޑޮލަރާއި 100 ޑޮލަރާ ދެމެދުގެ ކުދި ޢަދަދުތައް ރަސްމީކޮށް ފޮނުވޭނެ ގޮތެއް ހެދެން އޮތްތޯ ބެލުމަށް ބޭންކުތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

ހައިކޮމިޝަނަރު އިތުރަށް ވިދާޅުވީ ބޭރު ފައިސާގެ ދަތިކަމަކީ ހަމައެކަނި ބަންގްލަދޭޝް ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ކަމެއް ނޫން ކަމަށާއި ބޭންކުތަކާ ގުޅިގެން މިހާރު ހުރި ގަވާއިދުތަކުގެ ތެރެއިން ޢަމަލީ ގޮތުން ކުރެވެން ހުރި ކަންކަން ދެނެގަތުން އެންމެ އިސް އަމާޒު ކަމަށެވެ. މީގެ އިތުރުން މި ބައްދަލުވުންތަކުގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި މާލީ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވިފައިވެއެވެ.

Advertisement

ކޮމެންޓް