Advertisement

އެމެރިކާ އާއި ޗައިނާގެ ތަޖުރިބާކާރުން އޭއައިގެ ނުރައްކާތަކާ ދެކޮޅަށް ނިއުކްލިއާ ފެންވަރުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުށަހަޅައިފި

18 Sep 2026 | 01:13
-

ނިއުކްލިއާ ކޮމާންޑް ނެޓްވޯކްތަކާއި ސައިބާ ހަމަލާތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ނުރައްކާ ބޮޑުވަމުންދާތީ ދެ ބާރު ކަމުގައިވާ އެމެރިކާ އާއި ޗައިނާ އިން އެކަމަށް ތައްޔާރުވުމަށް ދެ ގައުމުގެ ސެކިއުރިޓީ ތަޖުރިބާކާރުން ގޮވާލައިފިއެވެ.

އެ ތަޖުރިބާކާރުންނަކީ ދެ ސަރުކާރުގެ ދެމެދުގައި ހިނގާ ރަސްމީ މަޝްވަރާތަކަށް މައުލޫމާތު ފޯރުކޮށްދޭ އެމެރިކާ-ޗައިނާ ޑައިލޮގެއްގެ ބައިވެރީންނެވެ. އެ ފަރާތްތަކުގެ ހުށަހެޅުންތަކުގެ ތެރޭގައި ނިއުކްލިއާ ނިޒާމުތަކާ ގުޅޭ ރެޑް ލައިންތައް ކަނޑައެޅުމާއި ނުރައްކާތެރި ސައިބާ ހަމަލާތައް ދިނުމުގެ ބާރު އިންސާނުންގެ އަތުގައި ބެހެއްޓުމާއި އޮޓޮނޮމަސް އޭއައި ހާދިސާތަކަށް ހާއްސަ ހޮޓްލައިނެއް ގާއިމުކުރުން ހިމެނެއެވެ. މި ހުށަހެޅުންތައް ޝާއިއުކުރީ ސެޕްޓެމްބަރު 24 ގައި ވޮޝިންގޓަނުގައި ބޭއްވުމަށް ރާވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ބައްދަލުވުމާއި ސަރުކާރު ފެންވަރުގެ އޭއައި މަޝްވަރާތަކުގެ ކުރިންނެވެ.

Advertisement

ބްރޫކިންގްސް އިންސްޓިޓިއުޝަންގެ ސީނިއާ ފެލޯ މެލަނީ ސިސޮން އާއި ޗައިނާގެ ފުޑާން ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ޓިއެންޖިއާއޯ ޖިއާން އެކުލަވާލި މި ހުށަހެޅުންތަކުން ފެންނަނީ ޗިޕާއި ޓެކްނޮލޮޖީ މޮޑެލްތަކުގެ ވާދަވެރިކަމުން ބޭރަށް ގޮސް ހަތިޔާރު ކޮންޓްރޯލް ކުރުމާ ގުޅޭ ސީރިއަސް ސުވާލުތަކާ ހަމައަށް ދެ ގައުމުގެ ވާދަވެރިކަން ފުޅާވެފައިވާ މިންވަރެވެ. ސިސޮން ވިދާޅުވީ އެއް ގައުމުން އަނެއް ގައުމުގެ ނިއުކްލިއާ ކޮމާންޑް ނިޒާމުތަކާއި ސްޓްރެޓީޖިކް ގޮތުން މުހިންމު އިންފްރާސްޓްރަކްޗާއަށް އޭއައި ބޭނުންކޮށްގެން ސައިބާ ހަމަލާ ދިނުމުގެ ބާރު ހަމައެކަނި އިންސާނުންގެ އަތުގައި އޮންނަންޖެހޭ ކަމަށެވެ. އެއީ އޮޓޮނޮމަސް ނިޒާމެއް ހަލާކުވެދާނެ ނުވަތަ އެއަށް ދީފައިވާ އިރުޝާދުތައް ފަހަނައަޅައި ގޮސްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

ޖިއާން ހުށަހެޅީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ނުވަތަ ނިއުކްލިއާ ކޮމާންޑް ނިޒާމުތަކަށް ހަމަލާ ދިނުމަށް އޭއައި އަމިއްލައަށް ނިންމުން މަނާކުރާ ރެޑް ލައިންތައް ކަނޑައެޅުމާ އެކު ހަކަތަ، މާލީ ނިޒާމު އަދި ސިއްހީ ދާއިރާ ހިމެނޭ ގޮތަށް ނާޒުކު އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމެވެ. ހަމައެއާ އެކު "މީނިންގފުލް ހިއުމަން ކޮންޓްރޯލް" ގެ ތައާރަފެއް ދެ ގައުމު ގުޅިގެން ކަނޑައެޅުމަށް ވެސް އޭނާ ބާރު އެޅިއެވެ. ޖިއާން ވަނީ ދެ ގައުމުގެ ސިފައިންގެ ދެމެދުގައި އޭއައި ހާދިސާތަކަށް ހާއްސަ ހޮޓްލައިނެއް ގާއިމުކުރުމަށް ވެސް ހުށަހަޅާފައެވެ. އެއީ އެއް ގައުމުގެ ދިފާއީ އޭއައި ނިޒާމެއް ޝައްކު ކުރެވޭ ހަރަކާތަކަށް އޮޓޮމެޓިކުން ރައްދުދީ އަނެއް ފަރާތުން އެއީ ހަމަލާއެއް ކަމަށް ބަލައި ރައްދު ހަމަލާއެއް ދީފާނެތީ ހާދިސާއެއް ނޫނީ ގަސްދުގައި ކުރި ކަމެއް ނޫންކަން ބަޔާންކުރުމުގެ ފުރުސަތު ދިނުމަށެވެ.

ނަމަވެސް ޖޯންސް ހޮޕްކިންސް ސްކޫލް އޮފް އެޑްވާންސްޑް އިންޓަނެޝަނަލް ސްޓަޑީޒް ގެ ކާލާ ފްރީމަން ފާހަގަކުރި ގޮތުގައި މިހާރު އެމެރިކާ-ޗައިނާ ދެމެދުގައި އޮތް ހޮޓްލައިނުގެ ބޭނުން ވެސް ރަނގަޅަށް ނުހިފެއެވެ. 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު "ސްޕައި ބެލޫން" ހާދިސާގައި ޗައިނާގެ އޮފިޝަލުން އެމެރިކާގެ ކައުންޓަޕާޓުންގެ ކޯލްތަކަށް ޖަވާބު ނުދިން ކަން އެކަމުގެ ހެއްކެއް ކަމުގައި ފްރީމަން ވަނީ ދައްކާފައެވެ. ފްރީމަން ބުނީ "ޗައިނާގެ ނިޒާމުގެ ތެރޭގައި ވެރީންނާއި ކަމާ ގުޅޭ ފަރާތްތައް މަޝްވަރާކޮށް ޖަވާބެއް ނިންމަންދެން — އެކަމަށް ދުވަސްތަކެއް ނޫނީ އެއަށް ވުރެ ގިނަ ދުވަސް ނެގިޔަސް — އެއްވެސް ފަރާތަކުން އެމެރިކާއާ މުއާމަލާތުކުރާކަށް ބޭނުމެއް ނުވާނެ" ކަމަށެވެ.

ބްރޫކިންގްސް-ސިންގހުއާ ހުށަހެޅުންތަކަށް ދެ ސަރުކާރުން ރަސްމީ ގޮތެއްގައި ތާއީދުކޮށްފައެއް ނުވެއެވެ. ޗައިނާ ވަނީ އޭއައި ހާރިޖީ ވުޒާރާގެ ހަތިޔާރު ކޮންޓްރޯލް ޑިޕާޓްމެންޓުގެ ދަށަށް ރަސްމީ ގޮތުން ހިމަނާފައެވެ. ޗައިނާގެ ޑިސްއާމަމެންޓް ސަފީރު ޝެން ޖިއެން ޖޫން މަހު ޖެނީވާގައި ބޭއްވި އދ. ގެ ބައްދަލުވުމެއްގައި ބުނީ އަސްކަރީ އޭއައި ގެ ސަބަބުން ސްޓްރެޓީޖިކް ހަމަޖެހުމަށް އަސަރުކޮށް ގޯސް ހިސާބުޖެހުމާއި ހަމަނުޖެހުން ބޮޑުވެދާނެ ކަމަށާއި ހަތިޔާރު އިންސާނުންގެ ކޮންޓްރޯލްގައި ބާއްވަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ޗައިނާ ދެކޭ ގޮތުގައި އޭއައި ސޭފްޓީ ބޭނުންކޮށްގެން ޓެކްނޮލޮޖީގެ ހުރަސްތައް ޖެހުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ. އެމެރިކާގައި އެ ދާއިރާގެ ސިޔާސަތު ވައިޓް ހައުސް ސްޓޭޓް ޑިޕާޓްމެންޓް ޕެންޓަގަން އަދި އެ ނޫން ވެސް އެތައް އިދާރާއެއްގައި ބެހިފައިވެއެވެ. ދެ ސަރުކާރުން ވެސް އެ ގައުމެއްގެ ޓެކްނޮލޮޖީ ކުރިއެރުމަށް ހުރަސް އެޅިދާނެ ކޮންމެ ފިޔަވަޅަކަށް ޖެހިލުންވެއެވެ.

Advertisement

ކޮމެންޓް