ފެނަކައިން ކަރަންޓު ދޭ ރަށްރަށުގައި ސްޓެލްކޯއިން ސާވޭ ފަށައިފި
ފެނަކަ ކޯޕަރޭޝަން އުވައިލައި މުޅި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އަލަށް ޙަވާލުވާ ރަށްރަށުގެ ޙާލަތު ދެނެގަތުމުގެ ސާވޭއެއް ސްޓެލްކޯއިން މިއަދު ފަށައިފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި މި ސާވޭގެ މަސައްކަތުގައި މިހާރު ޓީމުތައް ހަރަކާތްތެރިވަމުން ދަނީ އައްޑޫ ސިޓީ އާއި ތިނަދޫގައެވެ. އެ ދެ ސަރަޙައްދުގައި ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ރަށްރަށަށް ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އައި ފެނަކަ އުވައިލައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވެވި ނޫސް ކޮންފަރެންސެއްގައެވެ. ފަންނީ ބޭފުޅުންނާ ޙަވާލާ ދެއްވައި ރައީސް ވިދާޅުވެފައި ވަނީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގެވޭނެ ކުންފުންޏެއް ނޫން ކަމަށާއި ފެނަކައިގެ ނަމުގައި ކުރީ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ހާމަވާ ކަމަށެވެ. ފެނަކައިން ކުރަމުން އައި ހުރިހާ މަސައްކަތެއް ދެން ކުރާނީ ސްޓެލްކޯގެ ބެލުމުގެ ދަށުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
މިވަގުތު ފެނަކައިގައި 8,000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު އެހާ ގިނަ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފަހު ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް އާއި ތެލާއި އެ ނޫން ވެސް ތަކެއްޗަށް ފައިސާ ހޯދުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯގެ ދަށަށް މި ޚިދުމަތް ބަދަލުކުރެވޭ ވަރަކަށް ރަށްރަށުގެ ސާވޭ ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.