އޭއައިގަ އަނދިރި ޤާބިލުކަން އުފެދި އިންސާނިއްޔަތަށް ނުރައްކާ ވެދާނެ: އިނގިރޭސި ރަސްގެފާނު
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ނުރަނގަޅު ބައެއްގެ އަތްމައްޗަށް ހިނގައްޖެ ނަމަ ދުނިޔެއަށް ބޮޑެތި ނުރައްކާތެރިކަމަކާއި ކުރިމަތި ލާން ޖެހިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ޓެކް ދާއިރާގެ އިސް ވެރީންނަށް ދެއްވައިފިއެވެ.
ރަސްގެފާނު ޗާލްސް މިހެން ވިދާޅުވީ މުޖުތަމައުގައި ޓެކްނޮލޮޖީ ބޭނުން ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ރަސްގެފާނުގެ އިސްނެގުމަށް ސްކޮޓްލެންޑުގައި ކުރިޔަށް ގެންދާ ސަމިޓުގައި ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ އޭއައި ވަޒީރު ކަނިޝްކާ ނާރާޔަން އާއި ޕޯޕްގެ އެޑްވައިޒަރުގެ އިތުރުން އެންވީޑިއާ އޯޕެންއޭއައި އަދި އެންތްރޮޕިކް ފަދަ ބޮޑެތި ޓެކް ކުންފުނިތަކުގެ މަންދޫބުން ބައިވެރިވެފައިވެއެވެ.
ސަމިޓުގައި ވާހަކަދައްކަވަމުން ރަސްގެފާނު ވިދާޅުވީ މި ޓެކްނޮލޮޖީތައް އުފެއްދި ފަރާތްތަކުން މިހާރު ދަނީ އޭއައިގައި އަނދިރި ބާރުތަކެއް އުފެދެމުންދާ ކަމުގެ އިންޒާރު ދެމުން ކަމަށާއި އޭގެ ތެރޭގައި ފުރާނަ ނެތިކޮށްލެވޭ ފެންވަރުގެ ބާރުތައް ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ރަސްގެފާނު ވިދާޅުވީ މިފަދަ ޓެކްނޮލޮޖީ ގޯސް ބައެއްގެ އަތްމައްޗަށް ގޮސް ނުރައްކާތެރި ގޮތްގޮތަށް ބޭނުންކުރެވިދާނެ ކަމުގެ ބިރާ މެދު ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމުގެ ބޭނުންތެރިކަން އިޙުސާސްވާ ކަމަށެވެ.
މި ސަމިޓުގައި ބައިވެރިވި އެންވީޑިއާގެ ޗީފް އެގްޒެކެޓިވް ޖެންސެން ހުއާންގް ބުނީ ރައްކާތެރިކަން ވާންޖެހޭނީ އެންމެ އިސް ކަމެއްގެ ގޮތުގައި ކަމަށެވެ. އެއްވެސް ޕްރޮޑަކްޓެއް ރައްކާތެރި ނޫން ނަމަ ނެރުން ފަސްކޮށް "އިތުރަށް އިންޖިނިއަރ ކުރުން" މުހިންމު ކަމަށް ވެސް އޭނާ ބުންޏެވެ.
ހުއާންގް ފާހަގަކުރި ގޮތުގައި އޯޕެން މޮޑެލްތައް ބޭނުންކޮށްގެން "ޤައުމުތަކާއި ރައްޔިތުން ބާކީ ނުވެ" ކުރިއެރުމުގެ ފުރުޞަތު ފަހިކުރެވޭނެއެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުންޏެއްގެ ގޮތުގައި އޮތް އެންވީޑިއާގެ ސްޓޮކް މާކެޓް ވެލިއު ގާތްގަނޑަކަށް 5.15 ޓްރިލިއަން ޑޮލަރަށް އަރައެވެ.
މިދިޔަ އޮގަސްޓް މަހުން ފެށިގެން އޭއައިގެ ބާރުވެރިކަމާއި އެ ބާރު ކޮންޓްރޯލް ކުރާނެ ގޮތާ މެދު ޓެކް ދާއިރާގެ ތެރޭގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. މިދިޔަ ޖުލައި މަހު އޯޕެންއޭއައިގެ ކުރިއަރާފައިވާ އޭއައި ސިސްޓަމެއް ޓެސްޓު ލިމިޓުތައް ފޫއަޅުވާލައި ހަގިން ފޭސް ޕްލެޓްފޯމް ހެކް ކުރި ހާދިސާ ހިނގައިފައިވެއެވެ.
ސެޕްޓެމްބަރު މަހު އެންތްރޮޕިކްގެ ރިސާޗަރެއް ކަމަށްވާ ޖޭކޮބް ކޮކްސަން އިސްތިޢުފާ ދެމުން އޭއައި ސަބަބުން އިންސާނީ ނަސްލު ނެތިހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ވައިރަލް ޕޯސްޓެއް ކުރިއެވެ. އެންތްރޮޕިކްގެ ސައެންޓިސްޓެއް ކަމަށްވާ އެވެން ހޫބިންގާ ބުނެފައި ވަނީ އޭއައިގެ ސަބަބުން އިންސާނުން ނެތިދިއުމުގެ ފުރުޞަތު 10 އިންސައްތައަށް ވުރެ ބޮޑު ކަމަށް އޭނާ ޤަބޫލުކުރާ ކަމަށެވެ.
މި ބަހުސާ ގުޅިގެން ޓެކް ކުންފުނިތަކަށް އަމިއްލައަށް ރެގިއުލޭޓް ނުކުރެވޭނެ ކަމަށް ފާޑުކިޔާ ފަރާތްތައް ބުނެއެވެ. އެމެރިކާގެ ސެނެޓާ ބާނީ ސޭންޑާސް އާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ އެޑްވައިޒަރު ސްޓީވް ބެނަން ފަދަ ބައެއް ފަރާތްތަކުން ސަރުކާރުގެ ވަރުގަދަ ބެލެހެއްޓުމަށް ގޮވައިލާފައިވެއެވެ.
ޓްރަމްޕް ވަނީ އޭއައިގެ ރައްކާތެރިކަމާ ބެހޭ ކަންބޮޑުވުންތައް "ހޯކްސް" އެއް ކަމަށް ސިފަކޮށްފައެވެ. މި ސަމިޓުގެ އެންމެ މައިގަނޑު އަމާޒަކީ އޭއައިގެ މުސްތަޤުބަލު ބައްޓަންކުރުމަށް "އެއް މަބްދައުތަކެއް" ކަނޑައެޅޭތޯ މަސައްކަތް ކުރުމެވެ.