އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް އަޙްމަދު ނޫމާން އައްޔަންކޮށްފި
އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައި ހުރި އަޙްމަދު ނޫމާން އުރިދޫ ފިންޓެކް ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި ހަމަޖައްސައިފިއެވެ.
ނޫމާން އަކީ ޓެލެކޮމް އާއި ޑިޖިޓަލް ޕްރޮޑަކްޓްތަކުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.
އޭނާ ވަނީ ރާއްޖެއަށް އިންޓަރނެޓް ބޭނުން ނުކޮއް ފޭސްބުކު ބޭނުން ކުރެވޭ ހިދުމަތަކާއި ވައިބާރގައި ދިވެހި ބަހުން ފުރަތަމަ އިސްޓިކަރޕެކް އެއްވެސް ތައާރަފް ކުރުމުގައި އިސްވެ އުޅެފައެވެ. އަދި މީގެ އިތުރުން އުރިދޫގެ އީސްޕޯރޓްސް ހިދުމަތް (އުރިދޫ ނޭޝަން) އާއި އީ ކޮމާސް (މޫލީ) އަދި ޕާޓްނާޝިޕްސް ފަދަ ދާއިރާތަކުގައި އެކި މެނޭޖްމެންޓް މަޤާމުތައް ފުރައިފައެވެ.
އުރީދޫ ފިންޓެކް އަކީ 2022 ވަނަ އަހަރު އުފެދުނު ކުންފުންޏެއް ކަމުގައިވާއިރު މި ކުންފުނިން މިހާރު ޤަޠަރުގައި "އުރީދޫ މަނީ" ޢޮމާނުގައި "ވޮލެޓީ ބައި އުރީދޫ" އަދި ރާއްޖޭގައި "އެމް ފައިސާ"ގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.
އެ ކުންފުނީގެ ސަބްސިޑިއަރީތައް ޤަޠަރު ޢޮމާން ކުވެއިތު ޢިރާޤް ތޫނިސް އަދި ރާއްޖޭގައި ހިންގައެވެ.
ރާއްޖޭގައި 2016 ވަނަ އަހަރު އެމްފައިސާ ތަޢާރަފް ކުރެވުނީ މޯބައިލް މަނީ އާއި ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ފެށުމުގެ ގޮތުންނެވެ. މި އަހަރު އުރީދޫ ވަނީ އެމް ފައިސާ މެދުވެރިކޮށް ޕޭޕެލްގެ ޚިދުމަތް ރާއްޖެއަށް ގެނެސްދީފައެވެ.
އެ ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕޭޕެލް މެދުވެރިކޮށް ލިބޭ ޑޮލަރު ޕޭމެންޓް ސީދާ އެމް ފައިސާ ވޮލެޓަށް ޖަމާކުރެވޭ ގޮތް ވަނީ ހަމަޖެހިފައެވެ.