Advertisement

ލޯނަށް 50 މިލިއަން ޑޮލަރު ދެއްކިޔަސް ޒަރޫރީ މުދާ ލިބުމަށް ހުރަހެއް ނެތް: ފިނޭންސް

17 Sep 2026 | 12:03
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު -- ފޮޓޯ: ރައީސް އޮފީސް

ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު ބައި ކަމުގައިވާ 50 މިލިއަން ޑޮލަރު މިއަދު ދައްކައި ނިންމިއަސް ޒަރޫރީ މުދާ ލިބުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފި އެވެ.

ކުރީގެ ރައީސް ޞާލިޙުގެ ވެރިކަމުގައި 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ނެގި މި ދަރަނީގެ ފުރަތަމަ ބައިގެ ގޮތުގައި 50 މިލިއަން ޑޮލަރު ޖެނުއަރީ 2024 ގައި ދެއްކިއިރު ދެވަނަ 50 މިލިއަން ޑޮލަރު ދެއްކީ 11 މެއި 2024 ގައެވެ.

Advertisement

މި ދަރަނި އަދާކުރުމާ ގުޅިގެން ތެލާއި ކާޑުގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭރު ފައިސާ ހޯދުމުގައި ދަތިތައް ދިމާވެދާނެ ކަމަށް ދެކެވޭ ވާހަކަތައް މާލީ ވުޒާރާއިން ވަނީ ދޮގުކޮށްފައެވެ. އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޒަރޫރީ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް މިހާރުވެސް ހަމަޖައްސައިފައިވެއެވެ. އެ ވާހަކަތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ދަރަނި ދައްކަންޖެހޭ ތާރީޚުތަކަށް ދުރާލައި ރޭވުންތެރިކަމާ އެކު ތައްޔާރަށް ތިބުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުންވެސް ކުރިއަށް ގެންދާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ތަރައްޤީގެ ބައިވެރިންނާ އެކު ބިނާކުރުވަނިވި މަޝްވަރާތައް ކާމިޔާބުކަމާ އެކު ހިނގަމުންދާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

އެ މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް މާލީ ވުޒާރާއިން އުންމީދުކުރެއެވެ.

Advertisement

ކޮމެންޓް