Advertisement

މުޅި ގައުމުގައި އެޗްއައިވީ ފެތުރި، ފިޖީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

17 Sep 2026 | 13:23
އެޗްއައިވީ އާ ދެކޮޅަށް އެގައުމުގައި ބޭއްވި ހޭލުންތެރިކަމުގެ ހިނގާލުމެއް --

ފީޖީގައި އެޗްއައިވީ ޖެހޭ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އުފުލުމާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

ފީޖީގެ ހެލްތް މިނިސްޓަރު އަޓޯނިއޯ ލަލަބަލާވޫ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ މި ނިންމުމަކީ ރަސްމީ ގޮތެއްގައި އެޗްއައިވީގެ ޤައުމީ ކުއްލި ހާލަތު ފީޖީގައި އިއުލާނުކުރުން ކަމަށެވެ. 2025 ވަނަ އަހަރު އެކަނި 2,016 އާ ކޭސް ފެނިފައިވާ ކަމަށާއި މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 16 ގުނަ އިތުރު އަދަދެއް ކަމަށް ބުނެފައިވެ އެވެ.

Advertisement

ފީޖީ ސަރުކާރުން ބުނި ގޮތުގައި މިހާރު ކޮންމެ 60 މީޙުންގެ ތެރެއިން އެކަކީ އެޗްއައިވީއަށް ޕޮސިޓިވް މީހުން ކަމަށެވެ. މީގެ ފަސް އަހަރު ކުރިން މި ނިސްބަތް ހުރީ 167 މީހުންގެ ތެރެއިން އެކެއްގައި ކަމަށް މައުލޫމާތުދެ އެވެ.

އެގައުމުގެ ސަރުކާރުގެ ތަފާސް ހިސާބު ދައްކާގޮތުން މާބަނޑު އަންހެނުންގެ ތެރެއިން ކޮންމެ 100 މީހަކުން ދެ މީހެއްގެ ގައިގައި ވައިރަސް އެބަހުއްޓެވެ. 2025 ވަނަ އަހަރު އުފަންވީ އެޗްއައިވީ ޖެހިފައި ހުރި 59 ތުއްތު ކުދިން ކަމަށާއި އޭގެ ތެރެއިން 18 ކުދީން އަހަރުވުމުގެ ކުރިން މަރުވެފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން މުޅި ސަރުކާރުގެ ބައިވެރިވުމާ އެކު ފިޔަވަޅު އެޅުމަށް އެ ޤައުމުން ވައުދުވެފައިވެއެވެ.

ފީޖީ ސަރުކާރުން ދަނީ ހިލޭ އެޗްއައިވީ ޓެސްޓު ކުރުމާއި ނުރައްކާ ބޮޑު ފަރާތްތަކަށް ރައްކާތެރިކަމުގެ ބޭސް ފޯރުކޮށްދިނުމާއި ޑްރަގް އިންޖެކްޓުކުރާ މީހުންނަށް ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތަކާއި ބައްޔަށް ދެނެގަނެވޭ ފަރާތްތަކަށް ހިލޭ ފަރުވާ ދިނުން ފުޅާކުރަމުންނެވެ. މި މަސައްކަތުގައި އޮސްޓްރޭލިއާ ނިއު ޒީލެންޑް އިންޑިއާ ގްލޯބަލް ފަންޑު އަދި އދ. ގެ އެހީތެރިކަން ފީޖީއަށް ލިބެމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އދ. ގެ އެއިޑްސް ޖަމިއްޔާ (ޔޫއެންއެއިޑްސް) އިން ހާމަކުރި ގޮތުގައި ބަލި ޖެހުނު ގޮތް ދެނެގަނެވިފައިވާ ކޭސްތަކުގެ ދެ ބައިކުޅަ އެއް ބައި ގުޅެނީ ޖިންސީ ގޮތުން ބަލި ފެތުރުމާ ކަމަށާއި 42 އިންސައްތައަށް ވުރެ ގިނައިން ގުޅެނީ ޑްރަގް އިންޖެކްޓު ކުރުމާ ކަމަށެވެ. ޔޫއެންއެއިޑްސް ގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޑައިރެކްޓަރު އީމޮން މާފީ ބުނީ ވަރުގަދަ ފިޔަވަޅުތައް އެޅުމުން ފީޖީއަށް މި ބަލި ފެތުރެމުންދާ ގޮތް ބަދަލުކުރެވޭނެ ކަމަށެވެ.

ފީޖީ ސަރުކާރުން މިހާރު ދަނީ ސިރިންޖާއި ކަށި ބެހުމުގެ ރަސްމީ ޕްރޮގްރާމެއް ފެށުމަށް ޤާނޫނީ ބޮޑެތި ބަދަލުތައް ގެނައުމަށް ތައްޔާރުވަމުންނެވެ. ފިޖީއަކީ ނުވަ ލައްކަ މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.

Advertisement

ކޮމެންޓް