Advertisement

ރައީސް ސޯލިހުގެ ސަރުކާރުން އެސްބީއައި އިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކާ ނިންމައިފި

17 Sep 2026 | 11:36
ފިނޭންސް މިނިސްޓްރީ --

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރު މިއަދު ދައްކައި އެ ދަރަނި މުޅިން ހަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން ކުރީ ސަރުކާރުން ނެގި މި ލޯނު ދެއްކީ ތިން ބަޔަކަށް ބަހާލައިގެންނެވެ.

Advertisement

ފުރަތަމަ 50 މިލިއަން ޑޮލަރު ދެއްކީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ދެވަނަ 50 މިލިއަން ޑޮލަރު ދެއްކީ އެ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. ބާކީ އޮތް ބައި މުއްދަތު ހަމަވުމުގެ ކުރިން މިއަދު ދެއްކުމާ އެކު މުޅި ފެސިލިޓީ ނިންމާލެވުނީ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

މި ބޮޑު ޢަދަދު ދެއްކި ނަމަވެސް ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ ލިބުމުގައި ދަތިކަމެއް ނެތް ކަމުގެ ޔަޤީންކަން އެ މިނިސްޓްރީން ދީފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތައް ދައްކާ ގޮތުން 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން ދަރަނި ދެއްކުމުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅޭނެ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާ އެކު ތައްޔާރުވުމަށެވެ. އެ ގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޤަވާޢިދުން ފައިސާ ޖަމާކުރުމާއި ދަރަނި ދައްކަންޖެހޭ ތާރީޚުގެ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.

ހަމައެއާ އެކު ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި އެކި ޤައުމުތަކާ އެކު ހިންގާ މަތީ ފެންވަރުގެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށާއި އެ މަޝްވަރާތަކުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ސަރުކާރުން ވަނީ ޒިންމާދާރުކަމާ އެކު ދަރަނި ބެލެހެއްޓުމާއި ޤައުމީ ރިޒާވް ހަރުދަނާކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

Advertisement

ކޮމެންޓް