ޖަލު އޮފިސަރުންގެ ދަތިކަމާ ހެދި ގައިދީންގެ ފަރުވާ ލަސްވާ ކަމަށް އެޗްއާރުސީއެމުން ބުނެފި
ޖަލުތަކުގައި ތިބޭ ގައިދީން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ބޭނުންވާ ވަރަށް އޮފިސަރުން ނެތުމަކީ ސިއްހީ ޚިދުމަތް ލިބުން އެންމެ ބޮޑަށް ލަސްވާ ސަބަބު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތައްޔާރުކުރި އެ ރިޕޯޓުގައި 2024 2025 އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހުރި މަޢުލޫމާތު ދިރާސާކޮށްފައިވެއެވެ.
ފަރުވާ ލަސްވާ ދެ ވަނައަށް އެންމެ ބޮޑު ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ސްޕެޝަލިސްޓުންގެ އެޕޮއިންޓްމަންޓް ހެއްދުން ލަސްވުމެވެ.
މީގެ އިތުރުން އިދާރީ ގޮތުން ދިމާވާ އޮޅުންތަކުގެ ސަބަބުން ފަރުވާ ލަސްވުމުގެ މައްސަލަތައް އެއް އަހަރުން އަނެއް އަހަރަށް ގިނަވަމުންދާ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާ އެކު ޑޮކްޓަރަށް ދެއްކުމަށް އެދި ހުށަހެޅުން ލަސްވުމާއި ގައިދީން ގެނެސް ބައިތިއްބާނެ ޖާގައިގެ ދަތިކަން ވެސް ފަރުވާ ލަސްވުމާ ގުޅިފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާ ގުޅޭ ގޮތުން އެޗްއާރުސީއެމުން މީގެ ކުރިން ވެސް ގިނަ ރެކޮމެންޑޭޝަންތަކެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިފައިވެއެވެ.