ރައީސް މުއިއްޒުއަށް 2028 ގެ ރިޔާސީ ޓިކެޓް ދޭން ކޮންގްރެސްއިން ފާސްކޮށްފި
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޓިކެޓް ދިނުމަށް އެ ޕާޓީގެ ކޮންގްރެސްގައި ފާސްކޮށްފި އެވެ.
އެގޮތަަށް ފާސް ކުރީ ކޮންގްރެސްގެ ވޯޓުގައި ބައިވެރިވި 1119 މަންދޫބުންގެ އިއްތިފާޤުންނެވެ. ރައީސް މުއިއްޒުއަށް ރިޔާސީ ޓިކެޓު ދޭން ހުށަހެޅީ ޕީއެންސީގެ ފުވައްމުލަކު ދެކުނު ދާއިރާގެ ޚާއްޞަ މަންދޫބު ޢަބްދުﷲ އިބްރާހީމް އެވެ.
އެ ގަރާރުގައި ވަނީ ރައީސް މުއިއްޒު ޤައުމަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވުމަށް ދެވަނަ ދައުރެއް ޙައްޤު ކަމަށާއި ޕީއެންސީގެ މެންބަރުންނާއި ރާއްޖޭގެ ރައްޔިތުންވެސް އެގޮތަށް ޤަބޫލުކުރާ ކަމަށެވެ.
ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވައިފި ނަމަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވޭ ގޮތަށް ޕީއެންސީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ވޯޓު ނެގީ އަތް ހިއްލައިގެންނެވެ.
ކޮންގްރެސްގެ ހެނދުނު ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އެ ދަންފަޅީގައި އެ ބާވަތުގެ ކަމެއް އަންނާނެ ކަމަށް ލަފާނުކުރައްވާ ކަމަށާއި މަންދޫބުންނަށް ފުރުޞަތު ދެއްވީ ތިން މިނެޓުގެ ވާހަކައަކަށް ކަމަށެވެ. އެހެންނަމަވެސް ގަރާރު ހުށަހެޅުމާ އެކު ބަހުސަށް އެއް ގަޑިއިރު ދެއްވިއެވެ.
ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުވެސް އެ ގަރާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ބަހުސް ނިންމެވުމަށް ފަހު ޢަބްދުއްރަޙީމް ވިދާޅުވީ އެ ގަރާރަކީ މި ކޮންގްރެސްގައި ކުރެވޭ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.