Advertisement

ރާއްޖޭގެ ފުރަތަމަ ޖޫނިއާ ލައިފްގާޑް ޕްރޮގްރާމް ފުވައްމުލައް ސިޓީގައި ފަށައިފި

17 Sep 2026 | 11:07
ޖޫނިއާ ލައިފް ގާޑް ފެށޫމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ޖޫނިއާ ލައިފްގާޑް ޕްރޮގްރާމް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.

އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ މިހާރު ފުވައްމުލަކަށް ޒިޔާރަތްކުރައްވަމުން ގެންދަވާ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑޭވިޑް ޖެސަޕެވެ. ތިން ދުވަހަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.

Advertisement

ވޯޓާ ޕެޓްރޯލް އޮސްޓްރޭލިއާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނާއި ދިވެހި އިންސްޓްރަކްޓަރުން ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކުގައި ތިއަރީ ބައިގެ އިތުރުން މޫދުގެ ރައްކާތެރިކަމާ ގުޅޭ އަމަލީ ފިލާވަޅުތަކާއި ރެސްކިއު ހުނަރުތަކާއި ސީޕީއާރާއި އަވަސް ފަރުވާ އަދި ލީޑަރޝިޕާއި ތިމާވެށި ހިމާޔަތްކުރުމުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޟިރާރު ވިދާޅުވީ ކައިރީގައި އެހެން ރަށެއް ނެތި އެކަހެރިކޮށް އޮންނަ ރަށަކަށް ވެފައި ބޮޑެތި ރާޅު ނަގާ ތަނަކަށް ވުމުން މި ޕްރޮގްރާމް ފުވައްމުލަކަށް ވަރަށް މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ ދިމާވެދާނެ ނުރައްކަލަކުން އަމިއްލަ މީހާ ނުރައްކަލަކަށް ނުގޮސް އެހެން މީހުން ސަލާމަތް ކުރާނެ އުކުޅުތައް ދަސްވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ސަފީރު ޑޭވިޑް ޖެސަޕް ވިދާޅުވީ ދެ ޤައުމަކީ ވެސް ޖަޒީރާ ޤައުމުތައް ކަމުން މޫދާ ކައިރީގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލައިފްގާޑް ހުނަރުތައް ދެ ޤައުމަށް ވެސް ނުހަނު މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ކުރިއަށްގެންދާ "މޯލްޑިވްސް ޖޫނިއަރ ލައިފްގާޑިންގ ޕްރޮގްރާމް" އަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އޮސްޓްރޭލިއަން ހައިކޮމިޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަމްފާގެ ނައިބު ރައީސް އާމިނަތު ސަލާޙު ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ޒުވާނުންނަށް ހުނަރު ދަސްވުމުގެ އިތުރުން ތަމްރީނު ދޭނެ ދިވެހި ލައިފްގާޑުންގެ ޤާބިލުކަން ވެސް އިތުރުވެގެންދާނެ ކަމަށެވެ. މުސްތަޤްބަލުގައި އަމްފާގެ އެންމެ ބޮޑު އުއްމީދަކީ މި ޕްރޮގްރާމްގެ ސަބަބުން ކުދިން މޫދުގެ މާހައުލަށް އިތުރަށް އަހުލުވެރިވެ މޫދުގައި އުޅޭއިރު އަމިއްލަ ރައްކާތެރިކަމުގެ އިތުރުން އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭ ހިނދު އެކަންވެސް އެނގޭ ކުދިބަޔަކު ތަމްރީނު ކުރުން ކަމަށް އާމިނަތު ސަލާޙު ވިދާޅުވިއެވެ.

މި ތިން ދުވަހުގެ ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ތިއަރީ އާއި އަމަލީ ތަމްރީނުތައް ފޯރުކޮށްދީ ފުވައްމުލައް ސިޓީގެ މޫދުގެ މާހައުލާ ރައްޓެހި ރައްކާތެރިކަމަށް ހޭލުންތެރި ކުދިންތަކެއް ބިނާކުރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒެވެ.

މި ޕްގޮގްރާމް ފުރަތަމަ ހިންގަން ހަމަޖެހިފައިވަނީ ދެ ރަށެއްގައި އެވެ. އެއީ ފުވައްމުލަކު ސިޓީގެ އިތުރުން ކ. ތުލުސްދޫގައި އެވެ.

Advertisement

ކޮމެންޓް