Advertisement

ބްރިކްސް ސަމިޓަށް ފަހު ލީޑަރުން ބަލިވި ކަމުގެ ރިޕޯޓުތައް އިންޑިއާއިން ދޮގުކޮށްފި

17 Sep 2026 | 09:52
ބްރިކްސް ސަމިޓުގެ ތެރެއިން --

ބްރިކްސް ސަމިޓުގައި ބައިވެރިވި ބައެއް ޤައުމުތަކުގެ ވެރިން ބަލިވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުން ދިޔަ ވާހަކަތައް އިންޑިއާގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ރިޕޯޓުތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އިތުރަށް އެކަމާއި ބެހޭގޮތުން އިންޑިއާއިން އެއްޗެއް ބުނެފައި ނުވެ އެވެ.

Advertisement

އިންޑިއާއިން މިހެން ބުނެފައި މިވަނީ ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ ސަމިޓް ނިންމައި ޤައުމަށް އެނބުރި ދިޔަ ފަހުން ބައްޔެއްގެ ސަބަބުން ރަސްމީ ޙަރަކާތްތަކުން ދުރުވި ކަން އެ ޤައުމުގެ ރައީސް އޮފީހުން ހާމަކުރުމާ ގުޅިގެންނެވެ. އުމުރުން 73 އަހަރުގެ ރާމަފޯސާ ހޯމަ ދުވަހު ސަމިޓުން އެނބުރި ދިޔަ ފަހުން ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް އަރާމުކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ހަމައެހެންމެ ދެކުނު އެފްރިކާގެ ނައިބު ރައީސް ޕޯލް މަޝަޓީލީ ވެސް ކުޑަ ބޭސްފަރުވާއެއް ކުރައްވައިގެން ރަނގަޅުވަމުން އަންނާތީ އެ ޤައުމުގެ އެންމެ އިސް ދެ ލީޑަރުން ވެސް ރަސްމީ ޙަރަކާތްތަކާ ދުރުގައި ތިބި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ޗައިނާގެ ރައީސް ޝީ ޖިންޕިން ޞިއްޙީ ސަބަބުތަކާ ހުރެ ސަމިޓް ދޫކުރައްވައި ޚާއްޞަ ބޯޓެއްގައި ކުރިން ފުރި ކަމަށް ބުނާ ޔަގީން ނުކުރެވޭ ރިޕޯޓުތައް ވެސް ދައުރުވެފައިވެއެވެ.

ސެޕްޓެމްބަރު 12 އިން 13 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ބްަރިކްސް ސަމިޓުގައި 11 މެންބަރު ޤައުމު ބައިވެރިވި އެވެ. އަދި ސަމިޓުގައި ބައިވެރިވީ އެ ގައުމުތަކުގެ އެންމެ އިސްވެރިންނެވެ.

ނިއުދިއްލީ ޑެކްލަރޭޝަންގައި ނިއުކުލިއާ ނުރައްކާ އިތުރުވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް ބައިނަލްއަޤުވާމީ ދެބަސްވުންތައް ޞުލްޙަވެރި ގޮތުގައި ޙައްލުކުރުމަށް ޢަޒުމް ކަށަވަރު ކޮށްފައިވެއެވެ. އަދި ބައިނަލްއަޤުވާމީ މައްސަލަތައް ޙައްލުކުރުމުގައި މެންބަރު ޤައުމުތަކުގެ ތަފާތު މަޤާމުތައް ދެނެގަންނަ ގޮތަށް މަޝްވަރާއާއި ޑިޕްލޮމެސީ މެދުވެރިކޮށް ޙައްލު ހޯދުމަށް ގޮވައިލެވިފައިވެއެވެ.

Advertisement

ކޮމެންޓް