އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖުގެ އެންމެ މޮޅު ޝެފަކަށް ފުރަތަމަ ފަހަރަށް ދިވެހި އަންހެނެއް ހޮވައިފި
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2026 ގެ ކަލިނަރީ ޗެލެންޖުން "ބެސްޓް ޝެފް"ގެ ޝަރަފު އެ މުބާރާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި އަންހެން ޝެފެއް ކަމަށްވާ މުސްލިމާ އާދަމް ހޯދައިފިއެވެ.
ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި މަސައްކަތް ކުރާ މުސްލިމާ ވާދަކުރީ ޖުމްލަ ހަތަރު ކެޓަގަރީއެއްގައެވެ. އެ ހަތަރު ކެޓަގަރީން އޭނާ ހޯދީ ތިން ރަން މެޑެއްޔާއި އެއް ރިހި މެޑެއްޔެވެ.
މީގެ ކުރިން އެފްއެޗްއޭއެމްގެ އެންމެ މޮޅު ޝެފުގެ މަގާމު ދިވެއްސަކު ވެސް ކާމިޔާބުކޮށްފައެއް ނުވެއެވެ.
ސެޕްޓެމްބަރު 10 ވީ ބުރާސްފަތި ދުވަހު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ވާދަކުރި ޝެފުންގެ ހުނަރާއި ކާމިޔާބީގެ އަގު ވަޒަންކޮށް އެވޯޑުތައް ހަވާލުކޮށްފައިވެއެވެ.
"މޯސްޓް އައުޓްސްޓޭންޑިންގ އޯގަނައިޒޭޝަން"ގެ އެވޯޑު ވެސް ލިބިފައިވަނީ މުސްލިމާ ނިސްބަތްވާ ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް އަށެވެ.
މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި 20 އަށްވުރެ ގިނަ ކެޓަގަރީ ހިމެނުނުއިރު މުޅި އެފްއެޗްއޭއެމް ފެއާގައި 22 އަށްވުރެ ގިނަ ޤައުމުގެ 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.
އެ އެގްޒިބިޓަރުންގެ ތެރޭގައި ބައިނަލްއަޤުވާމީ ހަތަރު ޕެވިލިއަނެއް ހިމެނެއެވެ.
މިއީ މިހާތަނަށް އެންމެ ގިނަ ޤައުމުތަކުގެ ބައިވެރިވުން ލިބުނު ފަހަރު ކަމަށް ފެއާ އިންތިޒާމުކުރި ދިވެހި އެކްސްޕޯއިން ފާހަގަކޮށްފައިވެއެވެ.
ލިބުނު ތަރުހީބާ ގުޅިގެން އަންނަ އަހަރު ވެސް އެފްއެޗްއޭއެމް ބާއްވަން ނިންމައި އެ ހަރަކާތް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާއަށެވެ.