Advertisement

އެމްއެންޔޫ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތިމާވެށީގެ ދިރާސާއާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

31 Aug 2026 | 21:44
-

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާއި ތިމާވެށީގެ ދިރާސާ ހަރުދަނާކުރުމަށް އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީގެ ކުޅި ފަދަ ފެންބިން ސަރަހައްދުތަކާއި ކަނޑުގެ މާހައުލުގައި ހުރި ދިރުންތައް ދެނެގަނެ ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމައިފައެވެ. މީގެ ތެރޭގައި ދިރާސީ މަޝްރޫއުތައް ހިންގުމާއި ތިމާވެށީގެ މައުލޫމާތު އެއްކޮށް ހިއްސާކުރުން ހިމެނެއެވެ.

Advertisement

އެ އެއްބަސްވުމުގައި ކަމާ ގުޅޭ ފަރާތްތަކާއި ރައްޔިތުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގައި އިލްމީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުން ވެސް ހިމެނެއެވެ. ހާއްސަ ގޮތެއްގައި ފެންބިން ސަރަހައްދުތަކާއި ކަނޑުގެ ދިރުންތަކުގެ މުހިންމުކަމާ ބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ދެ ފަރާތުން ބާރު އެޅުމަށް ވަނީ އެއްބަސްވެފައެވެ.

މި ގާއިމުކުރެވުނު ޝަރާކަތުގެ ބޭނުމަކީ ދެ މުއައްސަސާ ގުޅިގެން ހެއްކާއި އިލްމީ ދިރާސާއަށް ބިނާކޮށް ކުޅުދުއްފުށީގެ ގުދުރަތީ ވެށި ހިމާޔަތްކުރުމެވެ. މި އެއްބަސްވުމުގެ ސަބަބުން ރަށުގެ ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެ ދެ އިދާރާގެ ގާބިލުކަން ވެސް ހަރުދަނާވެގެންދާނެ ކަމަށް އެމްއެންޔޫއިން ނެރުނު ބަޔާނުގައިވެއެވެ.

Advertisement

ކޮމެންޓް