Advertisement

އެމްއެންޔޫގެ ސެކިއުރިޓީ ރައުންޑްޓޭބަލް 2026 ވައިސް ޗާންސެލަރ އިފުތިތާހުކޮށްދެއްވައިފި

24 Aug 2026 | 21:31
-

ގައުމީ ސަލާމަތާއި ގާނޫނު ތަންފީޒުކުރާ އިދާރާތައް އެއް މޭޒު ދޮށަށް ގެނެސް ޒަމާނީ ސަލާމަތީ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބޭއްވި ސެކިއުރިޓީ ރައުންޑްޓޭބަލް 2026 އިއްޔެ ފަށައިފިއެވެ.

އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް މި ބައްދަލުވުން އިފުތިތާހުކޮށްދެއްވިއިރު މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ އެމްއެންޔޫގެ ސްކޫލް އޮފް ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓް ގުޅިގެންނެވެ.

Advertisement

ބައްދަލުވުން ހުޅުވައިދެއްވައި ވާހަކަފުޅުދައްކަވަމުން ޑރ. ޝެހެނާޒް ވަނީ ސެކިއުރިޓީ ދާއިރާގެ ދިރާސާ ކުރިއެރުވުމާއި ތައުލީމީ ޕްރޮގްރާމުތައް ހަރުދަނާ ކުރުމުގައި ސްކޫލް އޮފް ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތު ކަނޑައެޅުމާއި ފަންނީ ކުރިއެރުމާއި ސަރަހައްދީ ގުޅުން ބަދަހި ކުރުމަށް އެ ސްކޫލުން ފުރުސަތުތައް ހޯދައިދޭ ކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ. އެމްއެންޔޫ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ސަބަބުން މި ބައްދަލުވުން ފަދަ ގުޅިގެން ހިންގާ ހަރަކާތްތަކަށް އޮނިގަނޑެއް ލިބިފައިވާ ކަމަށް ވެސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ. އަދި ޕޮލިސް ސާވިސްގެ ރިސާޗް ފެލޯއިން އެމްއެންޔޫގެ ސެކިއުރިޓީ ސްޓަޑީޒް ޕްރޮގްރާމުތަކުގައި ބައިވެރިކުރުމަކީ ތައުލީމީ އަދި ފަންނީ ދާއިރާ ގުޅުވައިދޭ މުހިންމު ފިޔަވަޅެއް ކަމުގައި އެ ކަމަނާ ސިފަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް ކަސްޓަމްސް އިމިގްރޭޝަން ކަރެކްޝަނަލް ސާވިސް ނެޝަނަލް ޑްރަގް އެޖެންސީ އަދި އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް ހިމެނޭ ގޮތަށް ގައުމީ ސަލާމަތާ ގުޅުން ހުރި މައިގަނޑު މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެފައިވެއެވެ. ބައިވެރިން އިލްމީ ތަޖުރިބާ ހިއްސާކޮށް އެކި މުއައްސަސާތަކުގެ ދެމެދުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތައް ދެނެގަތުމަށް މަޝްވަރާ ކުރިއެވެ.

ސެކިއުރިޓީ ރައުންޑްޓޭބަލް ފަދަ ހަރަކާތްތައް މެދުވެރިކޮށް ދިރާސާ ކުރިއެރުވުމާއި އިލްމީ ބަދަލުވެރިކަމާއި ފަންނީ ތަރައްގީގައި އެމްއެންޔޫން އަންނަނީ ހަރަކާތްތެރި ދައުރެއް އަދާ ކުރަމުންނެވެ.

Advertisement

ކޮމެންޓް