Advertisement

އެމްއެންޔޫ އިން ތައުލީމީ ނިޒާމުގެ ބޮޑު ދިރާސާއެއް އިފުތިތާހުކޮށްފި

13 Aug 2026 | 20:33
-

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ތައުލީމީ ވުޒާރާއާ ގުޅިގެން ދަރިވަރުން މަތީ ސާނަވީ ތައުލީމަށާއި މަތީ ތައުލީމަށް ބަދަލުވުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް "ލޮސްޓް އިން ޓްރެންސިޝަން" ގެ ނަމުގައި ބޮޑު ދިރާސާއެއް އިފުތިތާހުކޮށްފިއެވެ.

މި ދިރާސާ އިފުތިތާހުކޮށްފައިވަނީ 12 އޮގަސްޓް 2026 ގައި ބޭއްވި ވޯލްޑް ޔޫތް ޑޭ 2026 ޕޮލިސީ ޑައިލޮގުގައެވެ. ދިހަ އަހަރުގެ ތައުލީމީ ޑޭޓާގެ މައްޗަށް ބިނާކޮށް ހެދި މި ދިރާސާގައި 2,606 ދަރިވަރެއްގެ ތަޖުރިބާ އެއްކޮށްފައިވެއެވެ. އޭގެ އިތުރުން 76 ފޯކަސް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ބައްދަލުވުންތަކުގައި ދަރިވަރުންނާއި ސްކޫލް ދޫކޮށްލާފައިވާ ކުދިންނާއި ޓީޗަރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

Advertisement

ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ގްރޭޑް 10 ން ގްރޭޑް 11 އަށް ބަދަލުވާ ދަރިވަރުންގެ ނިސްބަތް ގައުމީ ފެންވަރުގައި 40 އިންސައްތައަށްވުރެ ދަށެވެ. މި ދިރާސާގައި މި މައްސަލައިގެ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މާލީ ދަތިކަމާއި ކެރިއާ ގައިޑެންސް ނެތުމާއި ސްކޫލުގެ އެއްބާރުލުން ކުޑަވުމާއި ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމާއި ހިތްވަރާ ގުޅޭ ކަންކަމާއި ވަސީލަތްތައް މަދުވުމާއި ވޮކޭޝަނަލް މަގުތައް ހަނިވުމުގެ އިތުރުން ސަރަހައްދީ އަދި ޖިންސީ ތަފާތުތައް ހިމެނެއެވެ.

2024 ވަނަ އަހަރުން ފެށިގެން ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަކުރަމުން ދިރާސާގައި 10 ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ކެރިއާ ގައިޑެންސް ހަރުދަނާ ކުރުމާއި ޖިންސީ ތަފާތު ކުޑަކުރުމާއި ވަޒީފާގެ ބާޒާރާ ގުޅޭ ގޮތަށް މަންހަޖު ބައްޓަންކުރުމާއި މާލީ އެހީތެރިކަމާއި ޓީޗަރުންގެ ތަރައްގީ އާއި ޝާމިލު ތައުލީމާއި ހިންގުން ހަރުދަނާ ކުރުމާއި ދަރިވަރުން ބަދަލުވާ ގޮތް ގައުމީ ފެންވަރުގައި މޮނީޓާ ކުރުން ހިމެނެއެވެ.

މި ދިރާސާ އެކުލަވައިލެވިފައިވަނީ ހެއްކާއި އަމަލީ ހުށަހެޅުންތަކުގެ އެހީގައި ރާއްޖޭގެ ޒުވާނުންނަށް ހަމަހަމަ ތައުލީމީ މަގުތައް ކޮށައިދިނުމުގެ ބޭނުމުގައެވެ.

Advertisement

ކޮމެންޓް