Advertisement

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ޒުވާނުންގެ ހުނަރު ތަރައްގީކުރުމާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

13 Aug 2026 | 20:23
-

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުން މަސައްކަތުގެ މައިދާނަށް ތައްޔާރުކުރުމާ ބެހޭ މަތީ ފެންވަރުގެ ސިޔާސަތު މަޝްވަރާ ބައްދަލުވުމެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޔުނިސެފާއި ތައުލީމާ ބެހޭ ވުޒާރާ ގުޅިގެން އިއްޔެ ބާއްވައިފިއެވެ.

"މުސްތަގުބަލަށް ތައްޔާރުވެފައިވާ ގާބިލުކަން ބިނާކުރުމާއި ތައުލީމުން ވަޒީފާއަށް ބަދަލުވުން ހަރުދަނާކުރުން" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސަރުކާރާއި ތައުލީމީ މުއައްސަސާތަކާއި ވަޒީފާ ދޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކާއި ތަރައްގީގެ ބައިވެރީންނާއި ޒުވާނުންގެ މަންދޫބުން ބައިވެރިވެފައިވެއެވެ. ތައުލީމީ ނިޒާމާއި ވަޒީފާގެ ބާޒާރާ ދެމެދު ހުރި ފަރަގުތަކާއި ކެރިއާ ގައިޑެންސް ލިބުމުގެ ދަތިކަމާއި ޑިޖިޓަލް ހުނަރާއި ފާޑުކިޔުމުގެ ވިސްނުމާއި ލީޑާޝިޕާއި ވިޔަފާރިވެރިކަމުގެ ގާބިލުކަން ފަދަ ކަންކަމާ ގުޅޭ ގޮންޖެހުންތައް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

Advertisement

ބައްދަލުވުމުގެ އެންމެ ފާހަގަކޮށްލެވޭ ބައިތަކުގެ ތެރޭގައި އެމްއެންޔޫ އިން ތައުލީމާ ބެހޭ ވުޒާރާއަށް ތައްޔާރުކޮށްދީފައިވާ "ލޮސްޓް އިން ޓްރާންޒިޝަން" ދިރާސާ އިފްތިތާހުކުރުން ހިމެނެއެވެ. އޭގެ އިތުރުން ތައުލީމާ ވަޒީފާގެ ފުރުސަތުތައް ގުޅުވައިދިނުމާއި ވިޔަފާރިވެރިކަން ޒުވާނުންގެ މެދުގައި ޝައުގުވެރި ދާއިރާއަކަށް ހެދުމާއި ރަށްރަށުގެ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމާ ބެހޭ ގޮތުން ގިނަ ފަރާތްތައް ހިމެނޭ ޕެނެލް މަޝްވަރާއެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ބައްދަލުވުން ހުޅުވައިދެއްވައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ ބަދަލުވަމުންދާ މަސައްކަތުގެ މާހައުލަށް ޒުވާނުން ތައްޔާރުކުރުމުގައި މަތީ ތައުލީމުގެ ދައުރު ފާހަގަކުރައްވައިފައެވެ. އެ ކަމަނާ ވިދާޅުވީ އެމްއެންޔޫ އިން ނިންމުންތައް ނެގުމުގައި ހެކީގެ މައްޗަށް ބިނާކުރާ ކަމަށާއި ކުރިއަށް އޮތް ސެމިސްޓާގައި "އެމްއެންޔޫ ފިއުޗާ ރެޑީ ސީރީޒް" ގެ ނަމުގައި އައު ކެރިއާ ގައިޑެންސް އިނީޝިއޭޓިވެއް ފަށާނެ ކަމަށެވެ.

މި ބައްދަލުވުމުގެ ނަތީޖާ ޔުނިސެފް މޯލްޑިވްސްގެ ފަސް އަހަރުގެ ޕްލޭން އެކުލަވައިލުމަށާއި ކުރިއަށް އޮތް ތަނުގައި ޒުވާނުންގެ ވަޒީފާގެ ގާބިލުކަމާއި މުޖުތަމައުގައި ބައިވެރިވުން ހަރުދަނާކުރުމާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމަށް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް