އެމްއެންޔޫގެ ދެވަނަ ސެމިސްޓަރަށް ގުޅުނު 1400 ދަރިވަރުންގެ އޮރިއެންޓޭޝަން ނިންމާލައިފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 2026 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރަށް އަލަށް ވެއްދި 1400 ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި ޖެނެރަލް އޮރިއެންޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
ޔުނިވަރސިޓީގެ މާހައުލަށް ދަރިވަރުން އަހުލުވެރިކުރުވައި ތައުލީމީ ދަތުރު ކާމިޔާބު ގޮތެއްގައި ފެށުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ފުރަތަމަ ތިން ދުވަހުގެ ސެޝަންތައް ބައްޓަންކޮށްފައި ވަނީ ހަމައެކަނި ސަނަދެއް ހޯދުމުގެ ބަދަލުގައި އަމަލީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރަށް ތިބުމަށް ބާރުއެޅުމުގެ މައްޗަށެވެ. އެ ގޮތުން ފަންނީ ހުނަރު ތަރައްގީކުރުމާއި ކިޔެވުމުގެ ހަރުދަނާ އުކުޅުތަކާއި ކުތުބުހާނާ އާއި ދިރާސާގެ ހިދުމަތްތައް ބޭނުންކުރާނެ ގޮތާއި ޒިންމާދާރު ދަރިވަރަކަށް ވުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހާއްސަ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ސެޝަންގައި މަދަނީ ޒިންމާ އާއި ނަޒާހަތްތެރިކަމުގެ އިތުރުން އުޖާލާ މުސްތަގުބަލެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާ ގުޅޭ ގޮތުން ދަރިވަރުން ހޭލުންތެރިކުރުވައިފައިވެއެވެ.
އޮރިއެންޓޭޝަން ހަފުތާގެ ފަހު ދެ ދުވަސް ހާއްސަކޮށްފައި ވަނީ ދަރިވަރުން ކިޔަވާ ފެކަލްޓީތަކާއި ކެމްޕަސްތަކަށެވެ. އެ ދުވަސްތަކުގައި މުދައްރިސުންނާ ބައްދަލުވެ އެކެޑެމިކް އުސޫލުތަކާއި ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތަކާ ގުޅޭ ތަފްސީލު ދެވޭނެއެވެ.