Advertisement

ތެޔޮ އެތެރެކުރުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

12 Aug 2026 | 10:40
އެފްއެސްއެމް ފިއުލް ސްޓޭޝަނެއް --

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ގެ ކުއްލި އެހީގެ ލޯނެއް ދޫކޮށްފިއެވެ.

މި ފައިސާ ދޫކުރި ކަމަށް އެ ބޭންކުން ބުނެފައިވަނީ އިއްޔެ އެވެ.

Advertisement

އެ ބޭންކުގެ "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް"ގެ ތެރެއިން ދޫކުރި މި ފައިސާ ޚަރަދުކުރާނީ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބޭނުންވާ ޑީސަލް ގެނައުމަށާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އުފުލުމަށް ބޭނުންވާ ތެޔޮ ހޯދުމަށް ކަމަށް އޭޑީބީން ބުނެފައިވެއެވެ. އެއާ އެކު ރަށްރަށުގެ ދަތުރުފަތުރާއި ކުނި ނައްތައިލުމުގެ މަސައްކަތްތަކަށް ވެސް މި ފައިސާ ބޭނުންކުރާނެ ކަމަށް ބުނެއެވެ.

ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 94 އިންސައްތައަކީ ޑީސަލް ކަމަށް އޭޑީބީން ފާހަގަކޮށްފައިވެއެވެ. ދުވާލެއްގެ މައްޗަށް 8000 ފީފާގެ ޑީސަލް ބޭނުންވާ އިރު އެއީ އަހަރަކު 2.9 މިލިއަން ފީފާއެވެ.

ހަކަތައާއި ބެހޭ މިނިސްޓްރީން މެއި މަހު ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހަމަނުޖެހުންތައް ފެށުމުގެ ކުރިން މަހެއްގެ މައްޗަށް ތެޔޮ އެތެރެކުރުމަށް 50 މިލިއަން ޑޮލަރު ހޭދަކުރި ނަމަވެސް މިހާރު އެ ޢަދަދު ވަނީ 116 މިލިއަން ޑޮލަރަށް އަރައިފައެވެ. މިއީ ގާތްގަނޑަކަށް 110 އިންސައްތައިގެ އިތުރުވުމެކެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި ވީ ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދެނީ ބޮޑު ސަބްސިޑީއެއް ދީގެން ހެޔޮ އަގެއްގައެވެ. ސަރުކާރުން ބުނީ މި ސަރަހައްދުގައިވެސް އެންމެ އަގު ހެޔޮކޮށް ޕެޓްރޯލާއި ޑީސަލް ގަންނަން ލިބެނީ ރާއްޖެއިން ކަމަށެވެ.

އޭޑީބީގެ މި ލޯނުގެ ކުރިން ވޯލްޑް ބޭންކުން ވެސް ވަނީ މެއި މަހު ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައެވެ. 

Advertisement

ކޮމެންޓް