Advertisement

ބޭންކްތަކަށް ހަފްތާއަކު ޑޮލަރު ދޫކުރާ މިންވަރު 51 ޕަސެންޓަށް އިތުރު ކުރަނީ

11 Aug 2026 | 21:26
ބޭންކްތަކަށް ހަފްތާއަކު ޑޮލަރު ދޫކުރާ މިންވަރު 51 ޕަސެންޓަށް އިތުރު ކުރަން އެމްއެމްއޭއިން ވަނީ ނިންމާފައި --

ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކޮމާޝަލް ބޭންކްތަކަށް ކޮންމެ ހަފްތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 51 ޕަސެންޓަށް އިތުރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

މި ބަދަލާ އެކު ކުރިއަށް އޮތް ތިން ހަފްތާގައި ބޭންކްތަކަށް ހަފްތާއަކު ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވެއެވެ. ކުރިން ބޭންކްތަކަށް ކަނޑައެޅިފައި އޮތީ ހަފްތާއަކަށް ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު އެމްއެމްއޭއިން ބޭންކްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޖުމްލަ 1.1 ބިލިއަން ޑޮލަރު ވިއްކާފައިވާ އިރު އޭގެ ތެރެއިން ބޭންކްތަކުގެ ހިއްސާއަކީ 264 މިލިއަން ޑޮލަރެވެ.

Advertisement

އެމްއެމްއޭއިން ބުނީ މި ފިޔަވަޅުގެ ބޭނުމަކީ ބޭންކިން ނިޒާމު މެދުވެރިކޮށް ބޭރު ފައިސާ ލިބުމުގެ ފުރުޞަތު ތަނަވަސްކޮށްދީ މުދާ އެތެރެކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ދިމާވާ ދަތިތައް ކުޑަކުރުން ކަމަށެވެ.

ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރީން އައުން މަދުވެ ގިނަ ވިޔަފާރިތަކެއްގެ އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ.

މި ފިޔަވަޅަކީ މި އަހަރުގެ ތެރޭގައި އެމްއެމްއޭއިން ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރި ތިންވަނަ ފަހަރެވެ. ރޯދަ މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން 32 ޕަސެންޓް އިތުރުކުރި އެވެ. ޖޫން މަހު ޓޫރިޒަމް އޮފް ސީޒަނާ ގުޅިގެން 26 ޕަސެންޓް ވެސް އިތުރުކޮށްފައިވެއެވެ.

މީގެ އިތުރުން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ވެސް ބަދަލު ގެނައުމަށް އެމްއެމްއޭއިން ވަނީ ނިންމައިފައެވެ. ކެޓަގަރީ އޭގެ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ އުސޫލު އުވާލައި ހަމައެކަނި އާމްދަނީގެ 20 ޕަސެންޓް މާރުކުރާ ގޮތަށް ބަދަލުކުރަން ވަނީ ހަމަޖައްސައިފައެވެ. މި ބަދަލާ އެކު ބޭންކްތަކަށް މާރުކުރެވޭ ޑޮލަރުގެ ޖުމްލަ އަދަދު އިތުރުވާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ.

Advertisement

ކޮމެންޓް