ބްރުކްލިން ބެކަމް މޫދު ލޮނުފެނުން ކެއްކި ޕާސްތާ ހޫނު ބަހުސަކަށް
ޑޭވިޑް ބެކަމްގެ 27 އަހަރުގެ ދޮށީ ދަރިފުޅު ބްރުކްލިން ބެކަމް މޫދުން ނެގި ލޮނުފެނުގައި ޕާސްތާ ކެއްކި މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރުގަދަ ބަހުސެއް ފެށިއްޖެއެވެ.
ކައްކާ މީހަކަށް ވުމުގެ ޝައުގުގައި މަސައްކަތްކުރާ ބްރުކްލިން ޓިކްޓޮކްގައި ޝާއިއުކުރި މި ވީޑިއޯގައި ފެންނަނީ ބޮޑު ތެއްޔެއް ހިފައިގެން ޕްލެޓްފޯމެއްގެ މަތީގައި ހުރެ ޕާސްތާ ކައްކަން ބޭނުންވާ ފެން ހޯދުމަށް ކަމަށް ބުނެ މޫދުގެ ތެރެއަށް ތެލި ލާ މަންޒަރެވެ. "ޓޮމާޓޯ ޕާސްތާ" ކެޕްޝަންގައި ޖަހާފައިވާ އެ ވީޑިއޯގައި ބްރުކްލިން ބުނީ "މިއަދު ޓޮމާޓޯ ޕާސްތާއެއް ހަދާނަން" ކަމަށެވެ. އެ ވީޑިއޯގައި ހަމަ އެ ތެލީގައި ޕާސްތާ ކައްކާ މަންޒަރުވެސް ދައްކައެވެ.
މި ވީޑިއޯއާ މެދު ގިނަ ބައެއްގެ ހިތްހަމަނުޖެހުން ފާޅުކުރިއިރު އެކަކު ބުނެފައިވަނީ ތެލި ޖަހާފައި ލޮނުފެން ނެގި ސަރަހައްދަކީ ތެލާއި ކެމިކަލް ތަޣައްޔަރުވާ ސަރަހައްދެކެވެ.
"ލޮނުފެން ކެއްކިޔަސް ކެމިކަލް ވިހަތަކާއި ބެރު މައުދަނެއް ނައްތައެއް ނުލެވޭ." އެހެން ބައެއް ބެލުންތެރިން ސިފަކުރީ މިއީ މީހުން ރުޅި އެރުވުމަށް ގަސްދުގައި ހިންގި "ރޭޖް ބެއިޓިން" ގެ އަމަލެއް ކަމަށެވެ.
އާއިލީ މައްސަލަތަކާ ގުޅޭ ކޮމެންޓުތައްވެސް ގިނަވިއެވެ. މިހާރު ބައްޕަ ޑޭވިޑް ބެކަމް އާއި މަންމަ ވިކްޓޯރިޔާ ބެކަމް އަދި ކޮއްކޮއިން ކަމަށްވާ 23 އަހަރުގެ ރޮމީއޯ އާއި 21 އަހަރުގެ ކުރޫޒް އާއި 14 އަހަރުގެ ހާޕާއާ ގުޅުން ކެނޑިފައިވާ ކަމަށް އަޑު ފެތުރިފައިވާ ބްރުކްލިންއަށް ފޮލޯވަރަކު ލިޔެފައިވަނީ ޕާސްތާ ކެއްކުން އެއް ފަރާތުގައި ބާއްވާފައި އާއިލާއާ ގުޅުން ރަނގަޅުކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
ބްރުކްލިންގެ މި ވީޑިއޯއަށް މިހާތަނަށް 1.4 މިލިއަނަށް ވުރެ ގިނަ ވިއުޒް ލިބިފައިވެއެވެ.