ސްޓޭޓް ފާމާ އާއި ވިލާ ކޮލެޖުން ފާމަސީ ދާއިރާ ތަރައްޤީކުރުމަށް މަޝްވަރާކޮށްފި
ފާމަސީ ދާއިރާއަށް ބޭނުންވާ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމަސޫޓިކަލް އާއި ވިލާ ކޮލެޖާ ދެމެދު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި ފާމަސިސްޓުން ތަމްރީނުކުރުމުގެ އިތުރުން އެ ރޮނގުން ކިޔެވުމަށް ޝައުޤުވެރިވާ ޒުވާނުންގެ ޢަދަދު އިތުރުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ފަރާތުން ޚިޔާލު ބަދަލުކޮށްފައިވެއެވެ.
ހަމައެއާ އެކު ފާމަސީ ދާއިރާއިން ދަސްވެނިވާ ފަރާތްތަކަށް ދެ މުއައްސަސާ ގުޅިގެން ވަޒީފާގެ މަގު ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވިފައިވެއެވެ.
މީގެ އިތުރުން މިހާރު ވެސް ފާމަސީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރު އާ ކުރުމަށް ރިފްރެޝާ ކޯސް ހިންގުމުގައި ވިލާ ކޮލެޖާ ގުޅިގެން މަސައްކަތްކުރުމާ މެދު ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
މި މަޝްވަރާތަކުގެ އަލީގައި ދެ ފަރާތުން ގުޅިގެން ކުރިއަށް ގެންދާނެ ކަންކަމުގެ ތަފްޞީލު ފަހުން ހާމަކުރާނެ ކަމަށް ބެލެވެއެވެ.