މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި 18 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނަކު ބަންދު
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.
މި މައްސަލައިގައި ބަންދުކޮށްފައިވަނީ 18 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.
އަންހެންމީހާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ހަތް ދުވަހަށެވެ. ބަހައްޓަން ކަނޑައަޅާފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ. އޭނާގެ ކުޑަކަމުދާ ތަކެތި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް އަމުރުގައިވެއެވެ. ހައްޔަރުކުރުމުގެ ނުވަތަ ބަންދުކުރުމުގެ ރެކޯޑެއް ކުރިން އޭނާގެ ނެތެވެ.
ފިރިހެންމީހާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ 30 ދުވަހަށެވެ. އޭނާގެ ކުޑަކަމުދާ ތަކެތި ވެސް ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އޭނާގެ އަތުން 2،350 ރުފިޔާ ފެނިފައިވެއެވެ.
ފިރިހެންމީހާ ހުރި ކޮޓަރިން ފެނުނު އައިސް ކޮފީ ފުޅިއަކުން އޭނާގެ ފިންގަޕްރިންޓް ފެނިފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގައި އޭނާގެ ފަހުގެ ރެކޯޑެއް އޮތެވެ.