މަސް މާރުކޭޓު ބިން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް ސިޓީ ކައުންސިލުން ފާސްކޮށްފި
މާލޭގައި ޒަމާނީ ވެޓް މާކެޓެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން މަސްވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ކުއްލި ޖަލްސާއެއްގައި ގަރާރެއް ފާސްކޮށްފިއެވެ.
ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ގަރާރާ އެއްކޮޅަށް ވޯޓު ދެއްވައިފައިވެއެވެ. ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން ޢަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ސަހުލާ އާއި މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން އާއި މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ހަދީޖާ މުހައްމަދު އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާއެވެ.
ފާސްކުރި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން ވެޓް މާކެޓު އެޅުމަށް ކަނޑައެޅީ ލޯކަލް މާރުކޭޓު ކައިރީ އޮތް 17558 އަކަފޫޓުގެ ބިމެކެވެ. ދެ އަހަރާއި ބައިގެ ތެރޭގައި މަޝްރޫޢު ނިންމައި ކައުންސިލާ އެ ބިން އަނބުރާ ހަވާލުކުރުން ލާޒިމުވާއިރު ކުރެހުންތައް ކައުންސިލާ ހިއްސާކުރުމާއި ބިމުގެ އެއްވެސް ބައެއް ތިންވަނަ ފަރާތަކަށް ދޫނުކުރުން ގަރާރުގައި ޝަރުތުކޮށްފައިވެއެވެ. ހަމައެއާ އެކު މިހާރު އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ ގޮޅިތައް ހޯދައިދީގެން ނޫނީ ޢަމަލީ މަސައްކަތް ނުފެށުމަށް ވެސް ގަރާރުގައި ކަނޑައަޅައިފައިވެއެވެ.
މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިހާރު ހުރި މަސް މާރުކޭޓަކީ މަސް ވިއްކުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެ ތަނުގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް އެ ތަން ތަރައްޤީކޮށް ނިންމުމަކީ ރައްޔިތުންގެ އެދުމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން ވެޓް މާކެޓުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އޮޑިޓްކޮށް ފާހަގަވި ކަންކަން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މާލޭގެ ހުރިހާ ބާޒާރެއް އެއް ތަނަކަށް ޖަމާކުރާ ގޮތަށް ފަސް ބުރީގެ މި ކޮމްޕްލެކްސް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހުއެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ޚާއްޞަކުރާއިރު ގްރައުންޑް ފްލޯގައި ހިންގާނީ މަސް މާރުކޭޓެވެ. ފުރަތަމަ ތިން ފްލޯ ތަރުކާރީ ބާޒާރަށް ޚާއްޞަކޮށް ހަތަރު ވަނަ ފްލޯގައި ހިންގާނީ ފުޑް ކޯޓެކެވެ.
ނަމަވެސް ކައުންސިލުން ބިން ހަވާލުނުކޮށްގެން މަޝްރޫޢު ނުފެށި ލަސްވެފައިވާ ކަމަށް އިންފްރާސްޓްރަކްޗާ ވުޒާރާއިން ކުރިން ބުނެފައިވެއެވެ. ކައުންސިލުން ބިން ދޫނުކުރީ 2023 ވަނަ އަހަރުގެ މާރިޗު ނުވައެއްގައި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ އެކު ވެފައި އޮތް އެއްބަސްވުމެއް ދެމި އޮތުމުން ކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކުރުމާ ނުލައި ބިން ހަވާލުކުރެވެން ނެތް ކަމަށް ކައުންސިލުން ވުޒާރާއަށް ސިޓީއެއް ފޮނުވާފައިވެއެވެ. މިއަދު ފާސްކުރި ގަރާރާ އެކު ބިން ހަވާލުކުރުމުގެ މަގު ފަހިވެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހުރި ހުރަސް ނެތިގެން ދާނެ ކަމަށް ބެލެވެއެވެ.