ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރަކު ޢައްޔަންކުރަން ނިންމައިފި
ކްރިމިނަލް ކޯޓުގެ ހުސްވެފައިވާ ތިން ފަނޑިޔާރު ކަމުގެ މަގާމަށް ބޭފުޅުން ޢައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މި ތިން މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީން ހުޅުވާލީ މިދިޔަ މަހު އެވެ.
މުއްދަތު ހަމަވިއިރު 29 ފަރާތަކުން ކުރިމަތިލި އެވެ. ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން ހިމެނެއެވެ.
އޭގެ ތެރެއިން ފަނޑިޔާރު ކަމަށް އައްޔަން ކުރި ބޭފުޅުންގެ ނަންތައް ޖޭއެސްސީން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް މީޑިއާގައި އާންމުވެފައިވާ ގޮތުގައި އެ މަގާމަށް އައްޔަން ކޮށްފައިވާ ތިން ފަނޑިޔާރުންނަކީ ހއ. ދިއްދޫ ޑޭޒީމާގޭ އަހުމަދު ތައުފީގާއި ޅ. ކުރެންދޫ ނޫރާނީގޭ ސުލައިމާން މުހައްމަދާއި ތ. ވޭމަންޑޫ ޑްރީމް މުހައްމަދު އަބްދުﷲ އެވެ.
މީގެ އިތުރުން ސިވިލް ކޯޓުގެ ތިން ފަނޑިޔާރު ކަމުގެ މަގާމަށް ވެސް ޖޭއެސްސީން ފުރުޞަތު ހުޅުވައިލީ ހަމަ އެ ދުވަސްވަރުގައެވެ. ސިވިލް ކޯޓުގެ މަގާމުތަކަށް 42 ފަރާތަކުން ކުރިމަތިލީ ނަމަވެސް އެ ކޯޓަށް ޢައްޔަންކުރާ ބޭފުޅުންގެ މަޢުލޫމާތު އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.