އެމްއެންޔޫގެ ދެ ފެކަލްޓީއަކަށް ޑީނުން އައްޔަންކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއާއި ފެކަލްޓީ އޮފް އާޓްސްގެ ޑީނުން ރަސްމީކޮށް މަޤާމާ ހަވާލުވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންގެ މަޤާމަށް ޑރ. އާއިޝަތު ސަނޫރާ އައްޔަންކުރެއްވިއިރު، ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަޤާމަށް ޑރ. އާމިނަތު ރިޔާޒު ވަނީ އައްޔަންކުރެއްވިފައެވެ. މަޤާމާ ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޑރ. އާއިޝަތު ސަނޫރާ ވިދާޅުވީ، ކުރިއަށް އޮތް ހަތަރު އަހަރު ޤައުމީ ސިޔާސަތުތަކާ ގުޅޭ އައު ޕްރޮގްރާމްތައް ތަޢާރަފުކޮށް، ޕޯސްޓްގްރެޖުއޭޓް ތަޢުލީމީ ނިޒާމު ވަރުގަދަކުރުމަށް ސަމާލުކަން ދެއްވާނެ ކަމަށެވެ. އަދި މެޑިކަލް ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ފެކަލްޓީ އޮފް އާޓްސްގެ ޑީން ޑރ. އާމިނަތު ރިޔާޒު ވިދާޅުވީ، އެކަޑަމިކް އުނގެނުމުގެ ފައިދާ މުޅި މުޖުތަމަޢަށް ފޯރުކޮށްދިނުމަށް ބުރަވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ދަރިވަރުން ހަމައެކަނި ތަޢުލީމީ ފެންވަރު ރަނގަޅު ބަޔަކަށް ހެދުމުގެ ބަދަލުގައި، މުޖުތަމަޢަށް އަމަލީ ޚިދުމަތްކުރާ، އިލްމީ ދިރާސާތައް އުފައްދާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެމްއެންޔޫއިން ބުނީ، މި ދެ އައްޔަންކުރުމަކީ ޔުނިވަރސިޓީގެ ހިންގުން ހަރުދަނާކޮށް، ދަރިވަރުން ބައިނަލްއަޤުވާމީ ފެންވަރުގައި ފައިހަމަކުރެވޭނެ ފަދަ ޤާބިލު ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.