11 ޕެކެޓް މަސްތުވާތަކެއްޗާ އެކު 41 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރު - ބަނގުރަލުގެ އިތުރުން މަސްތުވާތަކެތީގެ ހަތަރު ބާވަތަކަށް ޔޫރިން ޕޮޒިޓިވް
މާލޭ މަގުމަތީ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، ފުލުހުން ފެނުމުން އަތުގައި އޮތް ޕެކެޓެއް ބިންމައްޗަށް ވައްޓާލި 41 އަހަރުގެ ދިވެހި އަންހެނަކު މަސްތުވާތަކެތީގެ 11 ރަބަރު ޕެކެޓާ އެކު ހައްޔަރުކޮށް، 10 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.
ބަންދު އަމުރުގައިވާ ގޮތުން މި ހާދިސާ ހިނގީ މާލޭގެ މަގުދިސް ކެމިސްޓް ފާމަސީ ކައިރީގައެވެ. ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު އެ ސަރަހައްދުގައި ހުރި އަންހެން މީހާ އަށް ފުލުހުން ފެނުމާ އެކު އަތުގައި އޮތް ޕެކެޓެއް ބިންމައްޗަށް ވައްޓާލީއެވެ. ފުލުހުން ސުވާލުކުރުމުން އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުންޏެވެ. ނަމަވެސް އެ ޕެކެޓް ނަގައި ބެލި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 11 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރި އިރު ސީއޭޓީ އާއި އަލްކަހޯލް އާއި އޭއެމްޕީ އަދި ބެންޒޯގެ އިތުރުން އޯޕީއައި އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ، ނަރުގިސްމާގެ، ޢާއިޝަތު މުސްލިމާ ނަމަކަށް ކިޔާ 41 އަހަރުގެ އަންހެނެކެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތެވެ.