Advertisement

ތައިލެންޑް ހަމަލާ: ކިޔެވުމުގެ ސްޓްރެސް، ޝޫޓިންގް ގޭމް، އެކަނިވެރި ދިރިއުޅުމެއް

08 Aug 2026 | 13:13
-

ތައިލެންޑުގެ ސްކޫލެއްގައި ހުކުރު ދުވަހު ބަޑީގެ ހަމަލާ ދީ ހަތް މީހުން މަރާލުމަށް ފަހު އަމިއްލައަށް ބަޑި ޖަހައި މަރުވި 14 އަހަރުގެ ކުއްޖާ އާ ބެހޭ ގޮތުން ފެންމަތިވަމުން ދަނީ އެކަނިވެރި އަދި ބާރު ބޮޑު ދިރިއުޅުމެއްގެ ތަސްވީރެކެވެ.

ނޮންތަބޫރީ ޕްރޮވިންޝަލް ޕޮލިސްގެ ކޮމާންޑަރު ޑެޖްރަޕީ ކޮންގްޑީ ބުނީ އެ ކުއްޖާ އަކީ މީހުންނާ މާ ގިނައިން ވާހަކަ ނުދައްކާ، މީހުންނާ ވަކީން އުޅުނު ކުއްޖެއް ކަމަށެވެ. ނަމަވެސް ކިޔެވުމުގައި ފެންވަރު ރަނގަޅު ކުއްޖެއް ކަމަށް ވެސް ބުންޏެވެ. ހަފުތާ ތެރޭ ސްކޫލަށް ދިޔުމުގެ އިތުރުން ހަފުތާ ބަންދުގައި ވެސް ޓިއުޝަން ކްލާހަށް ދިޔައެވެ. އަދި ކޮންމެ ރެއަކު ދަންވަރު 12 ޖެހެންދެން ޝޫޓިންގް ގޭމް ކުޅެން އިންނަ ކަމަށް ޑެޖްރަޕީ ބުންޏެވެ.

Advertisement

އެ ކުއްޖާ ދިރިއުޅެމުން ދިޔައީ ބެންކޮކާ ދޮޅު ގަޑިއެއްހާ އިރުން ދަތުރުކުރެވޭހާ ދުރުގައި ބެންގް ބުއާ ތޮންގްގައި ކާފައާއި މާމައާ އެކުގައެވެ. މައިންބަފައިން ކޮބައިކަން ސާފެއް ނުވެއެވެ. ހުކުރު ދުވަހު ފަތިހު ފަހެއް ޖެހި އިރު ކާފަގެ ކޮޓަރިން ބަޑި ނެގުމަށް ފަހު ދެ މީހުންގެ ބޮލަށް ބަޑި ޖަހައި މަރާލީއެވެ.

ތައިލެންޑުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް ބުނީ އެ ކުއްޖާ ކިޔެވުމުގެ ސްޓްރެސް ބޮޑުވެފައި ހުރި ކަމަށެވެ. އޭޕްރީލް މަހުގެ ސޮންގކްރާން ފެސްޓިވަލަށް ފަހު އެ ކުއްޖާ ކާފަގެ ބަޑީގެ ފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް، އެ ބަޑީގެ ހުއްދަ އޮންނަ ކަމަށް ވެސް ލިޔެފައިވެއެވެ. "ޕްލޭންކޮށްގެން ކުރި ކަމެއް. ބެލި ބެލުމުން އެނގެނީ ރާވައިގެން ކުރި ކަމެއް ކަން" ކަމަށް ބޮޑުވަޒީރު ބުންޏެވެ.

މި ހާދިސާ އާ ގުޅިގެން ތައިލެންޑުގައި ބަޑި ގެންގުޅުމުގެ ޤާނޫނުތައް ހަރުކަށި ކުރުމުގެ ބަހުސް އަނެއްކާ ވެސް ފެށިފައިވެއެވެ. ދެކުނު އިރުމަތީ އޭޝިއާގައި އެންމެ ގިނައިން ބަޑި ގެންގުޅޭ ޤައުމު ކަމުގައިވާ ތައިލެންޑުގައި ކޮންމެ 100 މީހަކަށް ގާތްގަނޑަކަށް 15 ބަޑި ގެންގުޅެއެވެ. ބޮޑުވަޒީރު ބުނީ ޢާންމުން ބަޑި ގެންގުޅުން ހަނިކުރާ އާ ޤާނޫނެއް ހުށަހަޅާނެ ކަމަށެވެ.

Advertisement

ކޮމެންޓް