ރާއްޖޭގެ ފަޅެއްގައި 450 މިލިޔަން ޑޮލަރަށް "އެޑެޕްޓިވް އެޓޯލް" ރިސޯޓް ކޮންސެޕްޓެއް ވިއްކަން ހުށަހަޅައިފި
ރާއްޖޭގެ 155 އޭކަރުގެ ފުން ފަޅެއްގައި، ކަނޑުގެ ލޮނުގަނޑު އުފުލުނަސް އަޑިއަށް ނުދާ ގޮތަށް ފަރުމާކޮށްފައިވާ 450 މިލިޔަން ޑޮލަރުގެ ރިސޯޓް ކޮންސެޕްޓެއް ވިއްކަން ހުށަހަޅައިފިއެވެ.
"ދި އެޑެޕްޓިވް އެޓޯލް" ގެ ނަމުގައި ހުށަހަޅާފައިވާ މި ކޮންސެޕްޓް ތައްޔާރުކޮށްފައި ވަނީ ޕްރައިވެޓް އައިލެންޑްސް އިންކް. އިންނެވެ.
މި ކޮންސެޕްޓް ޢާންމު ރިސޯޓްތަކާ ތަފާތީ ބިމުގައި ހަރުކޮށްފައި ހުންނަ އިމާރާތްތަކުގެ ބަދަލުގައި ފަޅުގެ އަޑީގައި ހަރުކޮށްފައިވާ ރޭލް ނިޒާމެއް މެދުވެރިކޮށް ކަނޑުމަތީ ސޫޓްތައް ދުއްވައި، ބޮޑެތި ފޯޓްރެސްތަކުގައި ގުޅާލެވޭ ގޮތަށް ފަރުމާކޮށްފައި ވާތީއެވެ. ބިންގަނޑާ ގުޅިފައި ނުވާތީ ކަނޑުގެ ލޮނުގަނޑު އުފުލުނަސް ރިސޯޓް ފެނުއަޑިއަށް ނުދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ކޮންސެޕްޓްގައި ބްރޫޓަލިސްޓް މިއުޒާމާ ފެންވަރުގެ 10 ފޯޓްރެސް ހިމެނެއެވެ. އޭގެ އިތުރުން 30 އަށް ވުރެ ގިނަ މޮޑިއުލާ ގެސްޓް ސޫޓާއި ކުޑަކުދިންގެ ކްލަބް ހިމެނޭ އިރު، މުޅި ރިސޯޓް ހިންގަނީ ސައްތައިން ސައްތަ އިރުގެ ހަކަތައިންނެވެ.
ނަމަވެސް މި ރިސޯޓް އަދި ހަދާފައެއް ނެތެވެ. 450 މިލިޔަން ޑޮލަރުގެ އަގަކީ ޕްރިލިމިނަރީ އަންދާޒާއެއް ކަމަށާއި، ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ ބިނާވެފައި ވަނީ މިހާރު ވެސް ހުރި ބޮޑެތި އޮފްޝޯ އިންޖިނިއަރިންގް ޓެކްނޮލޮޖީގެ މައްޗަށް ކަމަށް ޕްރައިވެޓް އައިލެންޑްސް އިންކް.ގެ ބާނީ ކްރިސް ކްރޮލޯ ބުންޏެވެ. ފަޅުގެ ބިމުގެ މިލްކުވެރިކަން އޮންނަނީ ދިވެހި ސަރުކާރަށް ކަމުން، ގަންނަ ފަރާތަށް ލިބޭނީ ދިގު މުއްދަތުގެ ލީސް އެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ބައިނަލްއަޤުވާމީ މީޑިއާގައި މި ކޮންސެޕްޓަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ އިރު، ޑެއިލީ މެއިލް އާއި ނިއު ޔޯކް ޕޯސްޓް ފަދަ ނޫސްތަކުން މި ކޮންސެޕްޓް ސިފަކޮށްފައި ވަނީ ޤިޔާމަތް ދުވަހުގެ ބަންކަރެއް ނުވަތަ "ޑޫމްސްޑޭ ބަންކަރެއް" ގެ ގޮތުގައެވެ.