ހަލާލު ޓޫރިޒަމާއި އެކު 15 ރިސޯޓެއް ތަރައްޤީކުރާނެ ފަރާތްތައް ހޯދަން ބީލަމަށް ލައިފި
ރާއްޖޭގެ ހަ އަތޮޅެއްގައި 15 ރިސޯޓު ޤާއިމުކޮށްދޭނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބީލަމަށް ހުޅުވައިލައިފިއެވެ.
އެ މިނިސްޓްރީން ވަކިވަކިން ނެރުނު ހަތަރު އިޢުލާނެއް މެދުވެރިކޮށް ރިސޯޓު ތަރައްޤީކުރަން ފުރުޞަތު ހުޅުވައިލީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ލ. އަތޮޅު އަދި އައްޑޫ ސިޓީގައެވެ. މީގެ ތެރެއިން ހއ. އާއި ހދ. އާއި ށ. އަތޮޅުން ފަޅު ހިއްކައިގެން ރިސޯޓު ހެދުމަށް ހުޅުވައިލާފައިވާ އިރު ށ. އާއި ނ. އަތޮޅުން ދޫކުރަނީ ފަޅު ރަށްތަކެކެވެ.
ނ. މާފަރު ފަޅުގެ ތިން ސަރަޙައްދެއްގައި ރިސޯޓު ހެދުމަށް ވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލައިފައެވެ. އެ އަތޮޅުން ކުއްޔަށް ދޫކުރާ ފަޅުތަކުގެ ޖުމްލަ ބޮޑުމިނަކީ 200 ހެކްޓަރެވެ. އެ ބީލަމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.
ހަލާލު ޓޫރިޒަމްގެ ނަމޫނާއަށް ރިސޯޓު ތަރައްޤީކުރުމަށް ހުޅުވައިލީ ތިން ސަރަޙައްދެއްގައެވެ. އެ ގޮތުން ހދ. މަކުނުދޫ ފަޅުގައި 150 އެނދުގެ ރިސޯޓެއް ލ. ފޮނަގާދޫގައި 100 އެނދުގެ ރިސޯޓެއް އަދި އައްޑޫ ދޮންހެރެއާއި އެ ރަށާ ޖެހިގެން އޮންނަ 0.85 ހެކްޓަރުގެ ކުޑަ ފަޅު ރަށުގައި 100 އެނދުގެ ރިސޯޓެއް ހެދުމަށް ވަނީ އިޢުލާނުކޮށްފައެވެ.
ފަޅު ރަށެއްގެ ގޮތުގައި ކުއްޔަށް ދޫކުރާ ތަންތަނުގެ ތެރޭގައި ށ. ނަލަންދުއާއި ނ. ފަރުމުލި ހިމެނެއެވެ. ނަލަންދޫގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 23 ކަމަށް ވާ އިރު ފަރުމުލީގެ ބީލަން ހުށަހަޅަން ޖެހެނީ ނޮވެމްބަރު 17 ގެ ކުރިންނެވެ.
މި ހުރިހާ ތަނެއް ވެސް ކުއްޔަށް ދޫކުރުމަށް ވުޒާރާއިން ނިންމާފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ.